ޚަބަރު

ޕެންޝަން އޮފީހުގެ ބޯޑުން މާދިން އިސްތިއުފާ ދެއްވައިފި

5 ފެބްރުވަރީ 2026 - 23:05
ޕެންޝަން އޮފީހުގެ ބޯޑުން މާދިން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުކަމުގެ މަގާމުން މުހައްމަދު މާދިން ލަތީފު އިއްޔެ އިސްތިއުފާ ދެއްވައިފިއެވެ.

ޕެންޝަން އޮފީހުގެ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު، މާދިން މަގާމުން ވަކިވެވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މާދިން ޕެންޝަން ބޯޑަށް އައްޔަންކުރެވުނީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. އޭނާގެ އިސްތިއުފާއާއެކު، ޖުމްލަ އަށް މެންބަރުން ތިއްބަވާ ޕެންޝަން ބޯޑުގެ މެންބަރުންގެ އަދަދު މިހާރު ވަނީ ފަހަކަށް މަދުވެފައެވެ. މާދިން އިސްތިއުފާ ދެއްވި ވަކި ސަބަބެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މާދިންގެ އިތުރުން، އެ އޮފީހުގެ ބޯޑުގައި ހިމެނިވަޑައިގެންނެވި ޗެއާޕާސަން އަޙްމަދު ޢިނާޒް އާއި އަޙްމަދު ސަރުވަޝް އާދަމްގެ އިތުރުން އަޝްރަފު ރަޝީދު ވެސް ވަނީ މީގެކުރިން މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެ ބޭފުޅުން އިސްތިއުފާ ދެއްވީ ސަރުކާރުން ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރަން އުޅޭ ކަމަށް ބުނެ އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

ޕެންޝަން އޮފީހުގެ ތެރޭގައި މިފަދަ ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، ސަރުކާރުގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް ގަތުމަށް ބޯޑުން ނިންމި ނިންމުމާ ގުޅިގެން، އެ އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވެސް ވަނީ އިއްޔެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މި ބަދަލުތަކާއެކު ޕެންޝަން ފަންޑުގެ ބޯޑަށް ސަރުކާރުގެ ވިސްނުމަށް ތަބާވާ މެންބަރުން އަވަސް މުސްތަގުބަލެއްގައި އައްޔަނުކުރެވިގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0