އިންޑިއާ އަދި އެމެރިކާގެ އެއްބަސްވުމަށްފަހު ޗައިނާ އަދި ރަޝިއާގެ ވިޔާފާރި އެއްބަސްވުމެއް
ރަޝިޔާގެ ރައީސް ލަޑިމިއަރ ޕޫޓިން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ބުދަ ދުވަހު ބޭއްވެވި މަތީ ފަންތީގެ ވީޑިއޯ ކޯލެއްގައި، ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ އަދި ހަކަތައިގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ނިންމަވައިފިއެވެ. ދުނިޔޭގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، މި ބައިވެރިވުމަކީ އިސްތިރާތީޖީ ގޮތުން ނުހަނު މުހިންމު ކަމެއްކަން ދެ ބޭފުޅުންވެސް ވަނީ ފާހަގަކުރައްވާފައެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ހަތަރު އަހަރު ފުރެން ކައިރިވެފައިވަނިކޮށް ބޭއްވި މި ބައްދަލުވުމުގައި، ރަޝިޔާއާއި ޗައިނާގެ ގުޅުމަކީ ދުނިޔޭގެ ހަމަޖެހުމަށް މަގުފަހިކޮށްދޭ ބާރެއްގެ ގޮތުގައި ދެ ލީޑަރުން ސިފަކުރެއްވިއެވެ. އަދި ވިޔަފާރި، ހަކަތަ، ހައި-ޓެކްނޮލޮޖީ އަދި ސުލްހަވެރި ބޭނުންތަކަށް ނިއުކްލިއަރ ހަކަތަ ބޭނުންކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުން ވައުދުވެވަޑައިގަތެވެ. ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި، ރަޝިޔާއަކީ ޗައިނާއަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭ އެންމެ އިސް އެއް ގައުމެވެ. އަދި މިއީ ދެ ގައުމަށްވެސް ފައިދާހުރި، ހަގީގީ އިސްތިރާތީޖީ ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޝީ ޖިންޕިންގް ވަނީ އިސްތިރާތީޖީ ގޮތުން ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށް ބާރުއަޅުއްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ތަރައްގީކުރުމަށް "ބޮޑު ރޭވުމެއް" އޮތްކަމުގެ އިޝާރާތެއް ކުރައްވާފައެވެ. ހަމައެއާއެކު، ދުނިޔޭގެ މުހިންމު ކަންކަމުގައި ދެ ގައުމުގެ ވިސްނުން އެއްގޮތްކަން ހާމަކުރައްވައި، ދެ ގައުމުގެ މެދުގައި އޮތް "ހައްދެއް ނެތް" ބައިވެރިވުން އިތުރަށް ހަރުދަނާކުރުމަށް ދެ ބޭފުޅުންވެސް އެއްބަސްވެވަޑައިގަތެވެ.
މި މަޝްވަރާތަކުން ހާމަވެގެންދިޔައީ، ބަދަލުވަމުންދާ ދުނިޔޭގެ ސިޔާސީ އަދި އިގްތިސާދީ މަސްރަހުގައި މޮސްކޯއާއި ބީޖިންގްއާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން ވަރުގަދަކަމާއެކު ކުރިއަށްދާ ކަމެވެ.






ރިއެކްޓް