ކޮލަމް

ކޮލަމް: މައްސަލައަކީ މި ހިނގާ ރިޔާސީ ނިޒާމެވެ

4 ފެބްރުވަރީ 2026 - 11:09
ކޮލަމް: މައްސަލައަކީ މި ހިނގާ ރިޔާސީ ނިޒާމެވެ

ނިޒާމުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ބައެއް މީހުން ބުނެއެވެ. މައްސަލަ އުޅެނީ ނިޒާމުގައި ނޫނެވެ. މީހުންގެއެވެ. ވެރިކަމަށް ރަނގަޅު މީހަކު ނާންނަނީއެވެ. ނުވަތަ ވެރިމީހާގެ އިހުލާސްތެރިކަން ނެތީއެވެ. އާ ގާނޫނު އަސާސީ ފާސްކުރެވި، ޑިމޮކްރެޓިކް ބަދަލުތަކާ އެކުގައިވެސް އެތައް ރިޔާސީ ވެރިކަމެއް ދިވެހިންނަށް ފެނިއްޖެއެވެ. ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާ ރައީސަކު ނާދެއެވެ. ވެރިކަން ދިފާއުކުރަން ކޯޓުތަކާއި މިނިވަން މުޢައްސަސާތަކަށް ނުފޫޒު ނުފޯރުވި ވެރިޔަކު ނާދެއެވެ.ރައީސް ވެގެން ދަނީ މުށުތެރޭގައި ހުރިހާ ބާރެއް އޮންނަ ރަސްކަލަކަށެވެ.

އެ ބުނާ ރަނގަޅު ރައީސް މި ނިޒާމުގައި އަންނާނެ ހެއްޔެވެ؟

ވެރިންގެ ތަބީއަތަކީ ވެރިކަން ދިފާއުކުރުމެވެ. ބާރުތައް ޖަމާކުރުމެވެ. ސިޔާސީ ތާއީދު ދެމެހެއްޓުމެވެ. ވެރިކަމަށް ލޮޅުމެއް ނާންނާނެހެން ކޯޓުތަކާއި މިނިވަން މުޢައްސަސާތަކާއި މުޅި ދައުލަތް ތަރުތީބުކުރުމެވެ. އެ މަސައްކަތުގައި ގިނަ ފަހަރަށް ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށް ބުންޏަސް، ހަގީގަތުގައި ހުރިހާ ބާރެއްގެ ކޮންޓްރޯލު މި ރިޔާސީ ނިޒާމުގައި ލިބެނީ ރައީސް އަށެވެ.

މި ހިނގާ ރިޔާސީ ނިޒާމުގައި ރަނގަޅު މީހަކު ވެރިކަމަށް އަންނާނެ ކަމަށް، ނިޒާމް އިސްލާހުނުކޮށް ތިބޭ ނަމަ، ތަކުރާރުވަމުން ދާނީ އެއް ކަހަލަ ވެރިކަންތަކެކެވެ.

ބަދަލުވާންވީ ނިޒާމެވެ. ކުޑަކުރަންވީ ރިޔާސީ ބާރުތަކެވެ. ރައީސުލްޖުމްހޫރިއްޔާއަށް ކުށްވެރިންނަށް މާފު ނުދެވެންވީއެވެ. ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ޓެކްސް ރައީސަށް މާފުކޮށް ނުދެވެންވީއެވެ. ސިޔާސީ ތާއީދު ހޯދަން ބޭނުން މިންވަރަކަށް ސިޔާސީ މަގާމު ނުއުފެއްދެންވީއެވެ. މަޖްލީހުގެ މެޖޯރިޓީ ސަރުކާރުން ނަގައެވެ. އަދި މުޅި ޝަރުއީ ދާއިރާ އާއި މިނިވަން މުޢައްސަސާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބެއެވެ. ސަރުކާރު ޖަވާބުދާރީކޮށް، ކޮރަޕްޝަން ނުހުއްޓުވެނީ މިހެންވެއެވެ.

ދިވެހި ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމުގައި މައްސަލަތައް އެބަ ހުއްޓެވެ. ނިޒާމީ ބަދަލުތަކެއްގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެ ބަހުސް ހުއްޓުވަނީ ބަރުލަމާނީ ނިޒާމް ގެންނަން އުޅެނީ ކަމަށް ބުނެއެވެ. ނިޒާމީ ގޯސްތަކެއްގެ ވާހަކަ ދެއްކުމަކީ ބަރުލަމާނީ ނިޒާމް ގެނައުމެއް ނޫނެވެ. މިހާރު މި ހިނގާ ރިޔާސީ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ގަބޫލުކުރުމެވެ.

މައްސަލައަކީ މި ހިނގާ ރިޔާސީ ނިޒާމެވެ. ބަދަލުވާންވީ މި ހިނގާ ރިޔާސީ ނިޒާމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0