ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅުނު ލަންކާގެ ދެ މަސްބޯޓު އަތުލައިގަނެފި
ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހުއްދަނެތި މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް އިއްޔެ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
މިއަދު އެމްއެންޑީއެފުން މައުލޫމާތުދިން ގޮތުގައި މި ދެ ބޯޓު އަތުލައިގަނެފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއާ ކޯ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގި ހާއްސަ ސަރވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަނުގައި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް އެއާ ކޯގެ ވައިގެ ވަސީލަތްތައް ބޭނުންކޮށްފައިވެ އެވެ.
މި ދެ ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެ މެންދުރުފަހު 14:02 ހާއިރު އެވެ. މި ބޯޓުތައް ފެނިފައިވަނީ ހއ. ކެލާގެ އިރުން ގާތްގަނޑަކަށް 109 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހަރަކާތްތެރިވަނިކޮށެވެ.
ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވުނު މި ދެ ބޯޓު މިހާރު ދަނީ ހދ. ކުޅުދުއްފުށި ސިޓީގެ ބަނދަރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބޯޓުތައް ބަނދަރަށް ވެއްދުމަށްފަހު، މި މައްސަލައިގެ ތަހުގީގަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ބޭރުގެ އުޅަނދުތައް ހިފެހެއްޓުމުގެ މަސައްކަތް ސިފައިން މެދުނުކެނޑި ކުރަމުންދާއިރު، މީގެ ކުރިންވެސް ސްރީލަންކާގެ ގިނަ އަދަދެއްގެ މަސްބޯޓުތަކެއް ރާއްޖޭގެ ސަރަހައްދުން އަތުލައިގަނެ، ގާނޫނީ ފިޔަވަޅު އަޅާފައިވެ އެވެ.






ރިއެކްޓް