ޚަބަރު

ބޮޑު ދެ އިންތިހާބު އެއްކޮށްލަން ގާނޫނީ ހުރަހެއް ނެތް، ފައިދާ ވާނެ: އޭޖީ

2 ފެބްރުވަރީ 2026 - 15:10
ބޮޑު ދެ އިންތިހާބު އެއްކޮށްލަން ގާނޫނީ ހުރަހެއް ނެތް، ފައިދާ ވާނެ: އޭޖީ

ރިޔާސީ އިންތިހާބާއެކު ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުން ވެގެން ދާނީ ފައިދާ ހުރި ކަމަކަށް ކަމަށާއި އެކަމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ. 

ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އޮތީ މަޖިލީހަށް ހުށަހަޅަފައެވެ. ބިލު ކޮމިޓީ މަރުހަލާގައި އޮތް އިރު ލަފާ ހޯދުމަށް ބަންޑާރަ ނައިބާއި އިލެކްޝަންސް ކޮމިޝަން އަދި ސިޔާސީ ޕާޓީތަކާ މިއަދު ވަނީ ބައްދަލުކޮށްފައެވެ. 

ކޮމިޓީގައި އުޝާމް ވަނީ ދެ އިންތިހާބު އެއްކޮށްލަން ތާއީދު ކުރައްވާ ކަން ހާމަކުރައްވައި އެކަމަށް އެއްްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ ރޫހު އަބަދު ވެސް އޮތީ އިންތިހާބުތައް އެކުގައި ބޭއްވުމަށް ކަމަށާއި އެގޮތަށް ބާއްވައިގެން ފައިދާތަކެއް ވާނެ ކަމަށެވެ. 

އޭނާ ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލަން މަޖިލީހުން ނިންމައިފި ނަމަ އެންމެ ރަނގަޅު ގޮތެއް ކަމަށް ގަބޫލުކުރަނީ، ގާނޫނުގައި ބުނާ 45 ދުވަހުގެ މުއްދަތު ލިބޭ ނަމަ ކުރިއަށް އޮތް ކައުންސިލް އިންތިހާބާ އެކު އެ ވޯޓު ކުރިއަށް ގެންދިއުން ކަމަށެވެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނުގައި އޮތް 45 ދުވަހުގެ މުއްދަތު ލިބޭ ކަމުގައި ވަންޏާ އެންމެ ރަނގަޅު ގޮތަކީ ކައުންސިލް އިންތިހާބު އޮންނަ ދުވަހު ހަމަ ރިފަރަންޑަމްގެ ކަންކަން ވެސް ކުރިއަށް ގެންދިއުން. ދެން ގާނޫނުގައި އެކަމަށް ހުރަހެއް އޮތް ކަމަކަށް ގަބޫލެއް ނުކުރަން،" އުޝާމް ވިދާޅުވި އެވެ.

އީސީން ވަނީ ކައުންސިލް އިންތިހާބާއެކު ރިފަރަންޑަމް ވޯޓު ނަގާނަމަ, މި ބިލު މި މަހު 18 ގެ ކުރިން ފާސްކުރަން ޖެހޭނަމަ ކަމަށް ބުނެފައެވެ. 

އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، މަޖިލީހުން ބިލް ފާސްކުރުމާއެކު ހިޔާލު ހޯދުމުގެ ވޯޓަށް ކޮމިޝަނުން އޮތީ ތައްޔަރަށް ކަމަށާއި ބިލު ފާސްކުރުމާއެކު މަސައްކަތް ފަށާނެ ކަމަށެވެ. އަދި, ގާނޫނުގައި ބުނާ 45 ދުވަހުގެ މުއްދަތު ލިބޭނީ އެންމެ ލަސްވެގެން މި މަހުގެ 18 ގައި ބިިލް ފާސްކވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0