ދުނިޔެ

އީޔޫގެ އަސްކަރިއްޔާތަކަކީ 'ޓެރަރިސްޓް ޖަމާއަތްތަކެއް' ކަމަށް އީރާނުން ކަނޑައަޅައިފި

1 ފެބްރުވަރީ 2026 - 19:43
އީޔޫގެ އަސްކަރިއްޔާތަކަކީ 'ޓެރަރިސްޓް ޖަމާއަތްތަކެއް' ކަމަށް އީރާނުން ކަނޑައަޅައިފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ރަސްމީކޮށް ކަނޑައެޅުމާ ގުޅިގެން، އޭގެ ރައްދުގައި އީޔޫގެ ހުރިހާ މެންބަރު ގައުމުތަކުގެ އަސްކަރީ ބާރުތަކަކީ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށް އީރާނުގެ މަޖިލީހުން ފާސްކޮށްފި އެވެ.

އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޤާލީބާފް ވިދާޅުވީ، މި ނިންމުމަކީ އީރާނުގެ 'ރެސިޕްރޯކަލް މެޝަރސް' ނުވަތަ އެއްފަރާތުން އަޅާ ފިޔަވަޅަކަށް އަނެއް ފަރާތުން ރައްދު ދިނުމުގެ ގާނޫނުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ. އަދި އީޔޫގެ ނިންމުމަކީ އެމެރިކާގެ ނުފޫޒާއެކު ސިޔާސީ މަގްސަދެއްގައި ނިންމާފައިވާ ނިންމުމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މި ނިންމުމަކީ މައިގަނޑު ގޮތެއްގައި ރަމްޒީ ނިންމުމެއް ކަމަށާއި، މީގެ ގާނޫނީ ބާރު ހިނގާނީ ހަމައެކަނި އީރާނުގެ އިހުތިސާސްގެ ތެރޭގައި ކަމަށް ވީނަމަވެސް، ކުރިއަށް އޮތް ތަނުގައި ހާރިޖީ ގުޅުންތަކަށް ހުރަސްއެޅިދާނެ ފަދަ އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު އީރާނުގެ އޮފިޝަލުން ވަނީ ދެއްވާފަ އެވެ.

އެއްބަޔަކު އަނެއްބަޔަކަށް ރައްދު ދިނުމުގެ ގޮތުން އަޅަމުންދާ މި ފިޔަވަޅުތަކުގެ ސަބަބުން، އިންސާނީ ހައްގުތަކާއި، ސަލާމަތީ ކަންކަމާއި، އަދި ސަރަހައްދީ ހަމަޖެހުމާ ގުޅޭގޮތުން އީރާނާއި އީޔޫއާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް އިތުރަށް ބޮޑުވެ، ދެފަރާތުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0