ރާއްޖެ މިވަނީ ދަރަނީގެ ދަންތުރައެއްގައި ބަނދެވިފައި: ރައީސް ނަޝީދު
ދިވެހިރާއްޖެ މިހާރު އޮތީ ސަލާމަތްނުވެވޭ ފަދަ ދަރަނީގެ ދަންތުރައެއްގައި ބަނދެވިފައިކަން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއިން މިހާރު ދަރަނި ނަގަމުންދަނީ ދިވެހި ރައްޔިތުންނަށް އަނބުރާ ދެއްކުމަށް ނުކުޅަދާނަވާ ފަދަ ބޮޑު އިންޓްރެސްޓް ރޭޓުތަކެއްގައެވެ. އަދި މިގޮތަށް ނަގާ ފައިސާއިން ކުރާ ހަމައެކަނި ކަމަކީ ކުރީގެ ދަރަނިތައް ދެއްކުން ކަމަށްވާތީ، މިއީ ގައުމު ދަރަނީގެ ދަންތުރައެއްގައި ބަނދެވިފައިވާ ކަމުގެ ސާފު ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދަރަނީގެ މި މައްސަލައަކީ މިހާރު އޮތް ސަރުކާރަށް އެކަނި ހައްލުކުރެވޭ ވަރަށްވުރެ މާ ބޮޑުވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، މިއީ މިހާރު މުޅި ގައުމީ މައްސަލައަކަށް ވެފައިވާ ކަމަށެވެ.
"ދަރަނީގެ މައްސަލައަކީ އަދުގެ ސަރުކާރަށް އެކަނި ހައްލުކުރެވޭ ވަރަށްވުރެ ބޮޑު މައްސަލައެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ދަރަނި ރީސްޓްރަކްޗަރ ކުރުމާއި އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއްގެ ގޮތުގައި މާލީ މާހިރުންވެސް އަންނަނީ ފާހަގަކުރަމުންނެވެ. ރައީސް ނަޝީދުގެ މި ވާހަކަފުޅުތަކުން ދޭހަވަނީ ގައުމުގެ މާލީ ހާލަތު އޮތް ނުރައްކާތެރި މިންވަރެވެ.






ރިއެކްޓް