ވައްކަން ކުރަންޏާ ކުރަންވާނީ ބޮޑެތި އަދަދުތަކުން، ހިމާޔަތް ލިބޭނެ: ޔާމީން
މި ގައުމުގައި ވައްކަން ކުރާނަމަ ކުރަން ޖެހޭނީ ބޮޑެތި އަދަދުތަކުން ކަމަށާއި އޭރުން ހުކުމް ކުރިނަމަވެސް އަދަބު ތަންފީޒު ކުރަން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ރޭ ވިދާޅުވެއްޖެއެވެ.
ކޮންމެ ބުރަސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބާއްވާ ޖަލްސާގައި ޔާމީން ވިދާޅުވީ، ގައުމުގެ އަދުގެ ހާލަތަކީ ތާކުން ބިންކޮޅެއް، ވެލިކޮޅެއް ފެންނަން އޮތް ނަމަ އޭގެއިން ވައްކަން ކުރުން ކަމަށެވެ.
ޖިނާއީ އަދުލުގެ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޔާމީން ވިދާޅުވީ ކޮރަޕްޝަން ހިންގާ ސިޔާސީ ވެރިންނާ ހަމައަށް ގާނޫނު އަރާ ހަމަ ނުކުރާ ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ އެމްއެމްޕީއާރްސީގެ މައްސަލާގައި ދައުވާތަކަށް އެއްބަސްވި ހުކުމް އިއްވި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ މައްސަލައިންނެވެ.
"ކޮބައިތޯ އެކަމުގެ ޒިންމާތައް އުފުލާ އަމިއްލައަށް އިއުތިރާފުވެ، ކޯޓުތަކުގައި އެކަމަށް އެއްބަސްވި އަދީބާއި ޒިޔަތާ؟ އެތިބީ މާފުވެގެން ގޮއްސަ، ހައްގުތައް ވަރަށް ކުރިއަރުވައިފަ އެހެރީ،" ޔާމީން ވިދާޅުވިއެވެ.
މިދިޔަ ދެ ސަރުކާރުން ވެސް ފެނުނު ކަމަކީ ޖިނާއީ އަދުލުގެ ނިޒާމު ހިނގަނީ އާދައިގެ ވަގުންގެ މައްޗަށް އެކަނި ކަމަށާއި ބޮޑެތި ވަގުންނަށް ލިބެނީ އަދަބުގެ ބަދަލުގައި ހިމާޔަތް ކަން ފާހަގަކޮށް ޔާމީން ވިދާޅުވީ ވައްކަން ކުރާނަމަ ކުރަން ވާނީ ބޮޑެތި އަދަދުތަކުން ކަމަށެވެ.
"އެހެންވީމާ މި ތަނުގަ ވައްކަންކުރަންޏާ ކޮންމެވެސް ކޮންމެވެސް ކުޑަކުޑަ އަދަދެއްގެ އެއްޗެއް ނުނަގާތި، އެއީ އެ ހުކުމް ތަންފީޒުކުރާނެ މުއްދަތު ނިމެންދެން، ވައްކަން ކުރަންޏާ ކުރަންވާނީ ބޮޑެތި އަދަދުތަކުން، ތަންފީޒެއް ނުކުރާނެ، ތިން ދުވަހު ޖަލުގަ ހުރެފައި ނުކުންނާނެ," ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އިހުތިރާމާއި ވޯޓު ވެސް ގިނަ ފަހަރު ލިބެނީ ބޮޑަށް ވައްކަން ކުރާ ވެރިންނަށް ކަމަށެވެ.






ރިއެކްޓް