ކޮލަމް

ކޮލަމް: ގައުމެއް އެކަށް "ފެނަކައިގަ"! ވިސްނާލަނީ ކާކު؟

31 ޖަނަވަރީ 2026 - 14:05
ކޮލަމް: ގައުމެއް އެކަށް "ފެނަކައިގަ"! ވިސްނާލަނީ ކާކު؟

މަސްދޯނިފަހަރުގައި ބިދޭސީން ތިބޭތީ އަހަރުމެން ރުޅި އާދެ އެވެ. ދަނޑުހައްދަންވެސް އެ މީހުން ތިބޭތީ ރުޅި އާދެ އެވެ. ކަންމަތީ ކަޑަތައް ހިންގަންވެސް އެމީހުން ތިބޭތީ ރުޅި އާދެ އެވެ. ރުޅި އައުމުގެ ކުރިން ވިސްނާލާށެވެ! އެ މީހުންނާ ނުލާ ގައުމުގެ އެންމެ ސިނާއަތެއްވެސް ހިނގާނެ ހެއްޔެވެ؟ އަހަރުމެންގެ މަސައްކަތު އާބާދީ ކޮބައި ހެއްޔެވެ؟ 

މި އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ހަދަން ރައީސް މުއިއްޒު ވަނީ ނިންމަވާފަ އެވެ. ނަމަވެސް އުފެއްދުންތެރިކަމުގެ އާބާދީ، މަސައްކަތު ޖީލު އެކަށް އޮތީ ސިވިލް ސާވިސްގަ އެވެ. ސިޔާސީ މަގާމުތަކުގަ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގަ އެވެ. އުފެއްދުންތެރިކަމެއް ނެތި، ދައުލަތަށް އާމްދަނީ ވަންނާނެ އިގްތިސާދީ މަސައްކަތްތަކެއްގައި ހަރަކާތްތެރިނުވެ، ގައުމެއްގެ މުޅި އާބާދީއަށް ދައުލަތުން މުސާރަ ދެމުން ދަނީ އެވެ. 

ތަރައްގީގެ މަޝްރޫއުތަކުންވެސް ދައުލަތަށް އާމްދަނީ ނުވަދެ އެވެ. ކުޑަ ރަށެއްގައި ތާރު އަޅާފާނެ އެވެ. އެއް އަތޮޅުގައި ހަތަރު ފަސް އެއާޕޯޓް އަޅާފާނެ އެވެ. ގަނޑުވަރެއްހެން ފެނަކަ އޮފީސް އަޅާފާނެ އެވެ. ދައުލަތަށް ލިބޭހައި އެއްޗެއް ހަރަދުކުރަމުން ދަނީ އިގްތިސާދީ ހަރަކާތްތެރިކަން އުފެއްދުމުގެ ބަދަލުގައި ދައުލަތުގެ ލޯނު މަތިވާނެ، އުފެއްދުންތެރިކަން ނެތް ތަރައްގީގެ މަޝްރޫއުތަކާއި މުވައްޒަފުންގެ މުސާރައަށެވެ. 

މިއީ އެއްވެސް ގައުމެއް ހިނގަންވާނެ ގޮތް ހެއްޔެވެ؟ 

2018 ވަނަ އަހަރު ނިމުނު އިރު ފެނަކައިގައި ތިބީ 2،756 މުވައްޒަފުންނެވެ. އެމްޑީޕީ ސަރުކާރުގައި 8،126 މުވައްޒަފުން ފެނަކައިގައި ތިއްބެވެ. އެ އަދަދު މި ސަރުކާރުގައި އިތުރުވެފައިވެއެވެ. 

ޕްރައިވަޓައިޒޭޝަން ބޯޑުން ނެރުނު 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިވިއުގައިވާ ގޮތުން، ސަރުކާރު ކުންފުނިތަކުގައި ތިބީ 33،284 މުވައްޒަފުންނެވެ. 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިވިއުއިން ދައްކާގޮތުން، ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކުގައި 37،900 އަށް ވުރެ ގިނަ މުވައްޒަފުން އެބަ ތިއްބެވެ. 2024ގެ ފުރަތަމަ ކުއާޓަރަށް ވުރެ 2025ގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކަށް ވަނީ 4،616 ވަޒީފާ އިތުރުވެފަ އެވެ. ސަރުކާރު ހިއްސާވާ 12 ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި 222 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެ އެވެ. 

ދިވެހި ރާއްޖޭގެ ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަކީ 30،436 އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު ސިވިލް ސާރވިސްއަށް ވުރެ ބޮޑެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު 4،100 އަށް އަރާކަމަށް ސިޔާސީ ފަރާތްތަކުން ބުނެ އެވެ. 

މި ހިސާބުތަކަށް ވިސްނާލާށެވެ. މުޅި ގައުމުގެ މަސައްކަތު އާބާދީ އެކަށް އޮތީ "ފެނަކައިގަ"އެވެ. ސަރުކާރުގެ ތެރޭގައެވެ. ސަރުކާރުގެ މުސާރައިގެ ތެރޭގަ އެވެ. ސިވިލް ސާރވިސް ކިޔަސް، ސިޔާސީ މަގާމު ކިޔަސް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާއޭ ކިޔަސް އެއީ އުފެއްދުންތެރިކަން އިތުރުނުވެ، ދައުލަތުން ދޭ މުސާރަ އެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް މި އަދަދުތައް އެތައް ގުނަ އިތުރުވެ އެވެ. 

ގައުމެއް ހިނގަން ވާނީ މިހެން ހެއްޔެވެ؟ 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0