ރާޔާ މާލެ، ހުސްކުރާ ސޭލް: ކާޑުގެ މައުލޫމާތު ވަގަށް ނަގައިގެން ފޭރެނީ
"ރާޔާ މާލެ" ނަމުގައި ހިންގާ ވިޔަފާރި ޕޭޖަކުން ހުސްކުރާ ސޭލްގެ ނަމުގައި ބޮޑު ސްކޭމެއް ފަށައިގެން އުޅޭތީ ސަމާލުވާން އެދިއްޖެއެވެ.
ރާޔާ މާލެ ފޭސްބުކް ޕޭޖުގައި ބުނާ ގޮތުގައި އެއީ މީގެ 18 އަހަރު ކުރިއްސުރެ ހިންގަމުން އަންނަ ގަހަނާ ވިޔަފާރިއެކެވެ. އަދި އާއިލާއަށް ދިމާވި ކުއްލި ކަމެއްގެ ސަބަބުން ވިޔަފާރި ހުއްޓާލަން ޖެހުމާއެކު, ހެޔޮ އަގުގައި ހުރިހާ މުދަލެއް ވިއްކާ ކްލިއަރެންސް ސޭލެއް ކުރިއަށް ގެންދަނީ ކަމުގައި ބުނެފައިވެއެވެ.
ގަހަނާ ގަތުމަށް މައުލޫމާތު ފުރުމަށް ލިންކަކާއި ވެބްސައިޓެއްގެ އިތުރުން މެއިލް އައިޑީ ފަދަ ބައެއް މައުލޫމާތު ވެސް ހިމަނާފައިވެއެވެ.
ފުލުހުންގެ އެންޓިސްކޭމް ސެންޓަރުން ބުނީ މި ވެބްސައިޓަކީ ކާޑުގެ މައުލޫމާތުގެ އިތުރުން އިންޓަނެޓް ބޭންކިން މައުލޫމާތު ވަގަށް ނެގުމަށް ހިންގަމުންދާ ސްކޭމެއް ކަމަށެވެ.
ސްކޭމް ހިންގަނީ 80 ޕަސެންޓާ ހަމައަށް ސޭލުގައި ޑިސްކައުންޓް ދޭނެ ކަމަށް ބުނެ, ސްކޭމްކޮށްގެން ދަނީ ފައިސާ ހޯދައިގެން ކަމަށާއި ޕޭމަންޓު ހަދައި ވަގުތު ބޭންކުގެ ފޭކް ލޮގިން ޕޭޖެއް ދައްކައި އެމީހުންގެ ޔޫސާ ނޭމާއި ޕާސްވޯޑު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ އިންޓަނެޓް ބޭންކިން އަށް ވަނުމަށް އެއްވެސް ވެބްސައިޓަކުން ދީފައިވާ ލިންކަކަށް ނުފިތުމަށާއި އެއްވެސް ލިންކެއްގައި އޯޓީޕީ ނުޖެހުމަށް އެދިފައެވެ.






ރިއެކްޓް