ކުޅިވަރު

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ދިވެހިރާއްޖެއަށް

24 ޖަނަވަރީ 2026 - 17:46
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ދިވެހިރާއްޖެއަށް

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދިވެހިރާއްޖެއިން ހޯދައިފި އެވެ. ރާއްޖެއިން އެއް މެޗު ބާކީ އޮއްވާ މުބާރާތުގެ ޗެމްޕއިއަންކަން ކަށަވަރު ކުރީ މިއަދު ހަވީރު ކުޅުނު މެޗުގައި 3-1 އިން ބޫޓާން ބަލިކޮށްގެންނެވެ.

ނޮންތަބޫރީ އިންޑީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރާއްޖޭގެ ލަނޑުތަށް ޖަހައިދިނީ އަބްދުالله ޖުނައިދު (ޖޭންނެ)، އަހުމަދު ހަމީދު (އަންމަޑޭ) އަދި މުބާރާތުގައި އެންމެ ގިނަ ގޯލު މިހާތަނަށް ޖަހައިފައިވާ ރާއްޖޭގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ. ޗެމްޕިއަންކަން ކަށަވަރުކުރަން ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ބޫޓާނުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޭންނެ ވަނީ ރާއްޖެއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ވަރަށް ބޮޑަށް ޕެކް ކޮށްގެން ބޫޓާނުން ކުޅުމުން ރާއްޖެއަށް މި މެޗުގައި އެޓޭކް ކުރަން އުނދަގޫވި އެވެ. ނަމަވެސް ދެވަނަ ހާފުގައި ލިބުނު ހިލޭ ޖެހުމެއް ގޯލަށް ފޮނުވާލާ އަންމަޑޭ ވަނީ ރާއްޖެއަށް ލީޑު ނަގައިދީފަ އެވެ. ދެވަނަ ހާފު ނިމެން އުޅެނިކޮށް ރީބައުންސަކަށް ނިކުތް ބޯޅައެއް ގޯލަށް ފޮނުވާލައިން އިންމި ވަނީ އޭނާގެ ކެޕްޓަން ކަމުގެދަށުން ރާއްޖެއަށް ފުޓްސަލްގެ ފުރަތަމަ ތަށި ޔަގީންކޮށްފީފަ އެވެ.

މުބާރާތުގެ ފަހު މެޗުގައި ރާއްޖެ ބައްދަލުކުރާނީ ނޭޕާލާ އެވެ. މި މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ. އެ ދުވަހުގެ މެޗުތަކަށްފަހު ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއަށް ދޭނެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0