ކުޅިވަރު

ސާފް ފުޓްސަލް: ނޭޕާލް ބަލިކޮށް ރާއްޖެއަށް މުހިންމު ތިން ޕޮއިންޓް

22 ޖަނަވަރީ 2026 - 13:24
ސާފް ފުޓްސަލް: ނޭޕާލް ބަލިކޮށް ރާއްޖެއަށް މުހިންމު ތިން ޕޮއިންޓް
ފޮޓޯ: ސިޑިބަރި

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި މިއަދު ނޭޕާލް 2-1 އިން ބަލިކޮށް ރާއްޖެއިން މޮޅުވުމުގެ ރިކޯޑު ދަމަހައްޓައިފި އެވެ.

ނޮންތަބޫރީ އިންޑޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެންގޮސްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ލަނޑެއް ފެނިފައިނުވެ އެވެ. ނަމަވެސް ރާއްޖެއިން ވަނީ މޮޅަށް ކުޅެ ގޯލު ޖަހަން ގިނަ ފުރުސަތުތަށް ފަހިކޮށްފަ އެވެ. އަދި ރާއްޖޭގެ ކީޕަރު ޒައިދާން އަހުމަދު (އަސޫ)ގެ ފަރާތުން ވަނީ މުހިންމު ސޭވްތަކެއް ފެނިގެންގޮސްފަ އެވެ.

ދެވަނަ ހާފު ފަށައިގެން ނޭޕާލުން ހެދި ގޯހެއްގެ ފައިދާނަގާ ރާއްޖެއަށް ލީޑު ނަގައިދިނީ އަބްދުالله ޝާފިއު (ޝާއްޕެ) އެވެ. ޝާއްޕެ މި ލަނޑު ޖެހީ އަހުމަދު ހަމީދު (އަންމަޑޭ) ތަނަވަސްކޮށްދިން ރަނގަޅު ފުރުސަތެއްގަ އެވެ. ނަމަވެސް ރާއްޖެއިން ލީޑު ނެގުތާ މާ ގިނައިރު ނުވަނީސް ނޭޕާލުން ވަނީ ފުލުފުލުގައި ރަނގަޅު އެޓޭކުތަކެއްކޮށް ލިބުނު ކޯނަރަކުން ލަނޑު ޖަހާ އެއްވަރުކޮށްފަ އެވެ. ފަހު ހާފު ނިމެން 7 މިނެޓު އޮއްވާ ނޭޕާލްގެ ކުޅުންތެރިއަކު ކުރި ފައުލަކަށްވަނީ ރަތް ކާޑު ދައްކާފަ އެވެ. ރާއްޖެ ދެވަނަ ފަހަރަށް ލީޑު ނެގީ އެ ފައުލުން ލިބުނު ހިލޭ ޖެހުން ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ގޯލަށް ފޮނުވާލުމުންނެވެ. 

މި މެޗުން މޮޅުވެ ތަށި ހޯދުމާ ރާއްޖެ މިވަނީ ގާތަށް ޖެހިލާފަ އެވެ. މިއަދު ޕާކިސްތާނާއި ބަންގްލަދޭޝް ކުޅޭ މެޗު އެއްވަރު ވެގެން ނިމިއްޖެ ނަމަ ރާއްޖެއަށް މި މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ. އެ މެޗުގައި އެ ނޫން ނަތީޖާއެއް ނިކުމެއްޖެނަމަ ރާއްޖެ ދެން ކުޅޭ މެޗުން މޮޅުވެ ތަށި ޔަގީންވާނެ އެވެ.

މި މުބާރާތުގައި އަންނަ ހޮނިހިރު ދުވަހު ރާއްޖެ ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ. މި މެޗު އޮންނާނީ ރާއްޖެ ގަޑިން 3 ޖަހާއިރެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0