އެމެރިކާގެ އަސްކަރީ ހަމަލާއެއް އަތުވެދާނެ ކަމަށް ބަލައި ގްރީންލޭންޑުން ތައްޔާރުވަނީ
އާކްޓިކް ސަރަހައްދުގެ އިސްތިރާޖީ މުހިންމުކަމާ ބެހޭގޮތުން އެމެރިކާއިން ދައްކަމުންދާ ހަރުކަށި ވާހަކަތަކާ ގުޅިގެން، ގްރީންލޭންޑްގެ ސަރުކާރުން، އެ ގައުމުގެ ރައްޔިތުންނާއި ކަމާބެހޭ އިދާރާތަކުން ސަލާމަތީ ގޮތުން ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރުވުމަށް އިރުޝާދު ދީފި އެވެ.
ބޮޑުވަޒީރު ޖެންސް-ފްރެޑްރިކް ނީލްސަން ވިދާޅުވީ، އަސްކަރީ ގޮތުން ގްރީންލޭންޑަށް އަރައިގަތުމުގެ ފުރުސަތު ކުޑަނަމަވެސް، އެއީ އެއްކޮށް ނުވާނެ ކަމެއް ކަމަށް ބަލައި ފަރުވާކުޑަކޮށްލެވެން ނެތް ކަމަށެވެ. އެހެންކަމުން، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ އިމަރޖެންސީ ޕްލޭންތަކާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މުރާޖައާ ކުރަމުންނެވެ. މީގެ އިތުރުން، ޑެންމާކް ސަރުކާރުން ވަނީ ގްރީންލޭންޑަކީ ވިއްކާލާނެ ތަނެއް ނޫން ކަމަށް ބުނާ ބުނުން ތަކުރާރުކޮށް، އެ ސަރަހައްދުގައި އެ ޤައުމުގެ އަސްކަރީ ބާރުވެރިކަން ވަރުގަދަ ކުރުމަށް ފިޔަވަޅުތައް އަޅަން ފަށާފަ އެވެ.
ނޭޓޯގެ މެންބަރު ގައުމުތަކާއި ވިލާތުގެ އިސްވެރިން ވަނީ މިފަދަ ހަރުކަށި ވާހަކަތަކުގެ ސަބަބުން ބައިނަލްއަގްވާމީ އިއްތިހާދުގެ ބަދަހިކަމަށް ބުރޫއަރާފާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.






ރިއެކްޓް