ދުނިޔެ

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

20 ޖަނަވަރީ 2026 - 08:09
ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

ސްޕެއިންގެ ދެކުނުގައި ހިނގި ނުރައްކާތެރި ހައި-ސްޕީޑް ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، އެ ގައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހާދިސާގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން އެކަމުގެ ފުން ހިތާމަ ފާޅުކުރައްވައި، ސްޕެއިންގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި ހާދިސާގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާފައިވެ އެވެ. މީގެއިތުރުން، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، މި ދަތި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ސްޕެއިންނާއެކުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ސްޕެއިންގެ ކޯޑޯބާ ޕްރޮވިންސްގެ އަޑަމޫޒް ކައިރީގަ އެވެ. ބާރު މިނުގައި ދަތުރުކުރި ދެ ރޭލު ޖެހިގެން ހިނގި މި ހާދިސާގައި މަދުވެގެން 39 މީހުން މަރުވެ، 150 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެގައުމުގރ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ. 

ހާދިސާ ހިނގި ސަރަހައްދުގައި މީހުން ސަލާމަތްކުރުމާއި ހޯދުމުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާއިރު، ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ދަނީ ސްޕެއިންނަށް ހަމްދަރުދީގެ މެސެޖުތައް ފޮނުވަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0