ދަރަނި ދައްކާނެ ޕްލޭނެއް ނެތި، ބޭރު މީހުންނަށް ބިން ވިއްކަން އުޅޭ ކަމުގެ ތުހުމަތު!
މި އަހަރު ރާއްޖޭން ދައްކަންޖެހޭ ދަރަނި އަދާކުރުމަށް ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ވިއްކަން އުޅޭ ކަމުގެ އަޑުތަކާއެކު, އެމްޑިޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މި އަހަރަކީ ދައުލަތުން އެންމެ ދަރަންޏެއް ދައްކަން ޖެހޭ އަހަރެވެ. ޖުމްލަ އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރަން ޖެހޭއިރު އޭޕްރިލް މަހު އެކަނި ވެސް 500 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރަން ޖެހެއެވެ.
މިކަމާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިން މަހެއްހާ ދުވަސް ތެރޭގައި ދައުލަތުން 500 މިލިއަން ޑޮލަރުގެ ސުކޫކުގެ މުއްދަތު ހަމަވާއިރު, މިއީ ޒިންމާދާރުކަމާއެކު ސަރުކާރުން ދުރާލައި ރޭވުންތެރިކަމާއެކު ތައްޔާރުވާންޖެހޭ ފަދަ ކަމެކެވެ.
މި ސަރުކާރުން ދަރަނި ސީރިއަސްކޮށް ނުނަގާ ކަމުގެ ކަންބޮޑުވުމާއެކު ފައްޔާޒް ވަނީ ބައެއް ދަރަނި ރީފައިނޭންސްކުރުމަކީ ގޯސް ގޮތެއް ނޫން ކަމަށާއި އެމްޑީޕީ ސަރުކާރުގައި އެފަދައިން ދަރަނި ރީފައިނޭންސްކުރިކަން ފާހަގަކުރައްވާ އޭނާ ވަނީ އޭގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ލިބުންކަމަށެވެ.
"މި މުއާމަލާތުގެ ސަބަބުން، ދުނިޔެއަށް ކުރިމަތިވި ބޮޑު ކާރިސާއަށްފަހު އިގްތިސާދީ ހަމަޖެހުން ގާއިމުވެ، ރިޒާވް ރައްކާތެރިކުރެވި، އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް މަގުފަހިވިއެވެ." ފައްޔާޒް ވިދާޅުވިއެވެ.
ކޮވިޑް ދުވަސްވަރުގެ ދަރަންޏަށް ވަރަށް ބޮޑަށް ފާޑުކިޔަމުން މި ސަރުކާރުން ވެރިކަމަށް އައިނަމަވެސް, ދެ އަހަރަށްވުރެ ގިނަ ދުވަސްވީއިރު މާލީ އެއްވެސް ރީފޯމެއް ގެނެވިފައިނުވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އަބަދު ވެސް އަންނަކަން އެނގޭ ބޮޑު ދަރަނި ދައްކާނެ ގޮތުގެ ޕްލޭނެއް ނެތް ސަރުކާރުގައި ނެތް ކަމަށެވެ.
ފައްޔާޒް ވަނީ ސަރުކާރުން ވަރަށް ބޮޑު އިންޓްރެސްޓް ރޭޓެއްގައި ދަރަނި ނަގަން އުޅޭކަމުގެ ކަންބޮޑުވުން ފާޅުކޮށް, އެ ފަދަ ދަރަންޏެއް ނަގައިފި ނަމަ އިންތިހާއަށް ގެއްލުންވާނެކަމުގެ އިންޒާރު ދެއްވައިފައެވެ.
އޭގެ އިތުރުން ބޭރު ގައުމުތަކަށް ބިން ވިއްކަން އުޅޭކަމުގެ އަޑުތަކާއެކު މިއީ އިސްތިގްލާލަށް ލިބޭނެ ގެއްލުމެއް ކަން ފާހަގަކޮށް ފައްޔާޒް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.






ރިއެކްޓް