އިރާނުގައި ދާއިމީކޮށް އިންޓަނެޓު ބޭނުންނުކުރެވޭ ގޮތަށް ހަދަނީ
އީރާނުގެ ގިނަ ރައްޔިތުން ބައިނަލްއަގުވާމީ އިންޓަނެޓް ވިއުގައާ ދާއިމީކޮށް ވަކިކޮށް، އޭގެ ބަދަލުގައި ދައުލަތުން ހަރުކަށިކޮށް ބަލަހައްޓާ ހާއްސަ ޑޮމެސްޓިކް ނެޓްވޯކެއް ގާއިމުކުރުމުގެ މަސައްކަތް އެ ގައުމުން ބާރުމިނުގައި ކުރިއަށްގެންދާ ކަމަށް ރިޕޯޓުތައް ބުނެ ފިއެވެ.
ޑިޖިޓަލް ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ފާހަގަކުރާ ގޮތުގައި، މިއީ ވަގުތީ ގޮތުން އިންޓަނެޓް ކަނޑާލުމުގެ ބަދަލުގައި "ޑިޖިޓަލް ގޮތުން މުޅިން އެކަހެރިވުމާ" ދިމާލަށް އެޅޭ ފިޔަވަޅެކެވެ. އަދި މި ބަދަލާއެކު، ހުރަހެއް ނެތި އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު އޮންނާނީ ހަމައެކަނި ދައުލަތުން އެކަމުގެ ހާއްސަ ހުއްދަ ދޭ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.
މި މަސައްކަތް ހަލުވިވެފައި މިވަނީ މި މަހުގެ ކުރީކޮޅު އެ ގައުމުގައި ކުރި ބޮޑެތި މުޒާހަރާތަކާ ގުޅިގެން މުޅި ގައުމުން އިންޓަނެޓް ކަނޑާލާފައިވާ ދަނޑިވަޅެއްގަ އެވެ. އެކްޓިވިސްޓުން ތުހުމަތުކުރާ ގޮތުގައި މިއީ ކުރިއާލާ ރާވައިގެން ހިންގާފައިވާ އަމަލެކެވެ.
އީރާނުގެ ކަމާބެހޭ ފަރާތްތަކުން އެ ގައުމުގެ "ނޭޝަނަލް އިންފޮމޭޝަން ނެޓްވޯކް" އިސްތިހާރު ކުރަމުންދަނީ ސަލާމަތީ ގޮތުން ރައްކާތެރި ނިޒާމެއްގެ ގޮތުގަ އެވެ. ނަމަވެސް، މިކަމުގެ ސަބަބުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ގައުމުގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ އެވެ. އަދި މީގެ ސަބަބުން ބޭރު ދުނިޔެއާ އީރާނުގެ ރައްޔިތުން އިތުރަށް ބާކީވެގެންދާނެ އެވެ.






ރިއެކްޓް