ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ސަރުކާރުގެ "ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ "އާއިލީ ބޯހިޔާވެހިކަން" ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ބިމާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ބިމާއި ފްލެޓަށް އެދި ހުށަހެޅުމަށް މިނިސްޓްރީގެ ޕޯޓަލް މިއަދު ހެނދުނު 09:00 ގައި ވަނީ ހުޅުވާލައިފައެވެ.
އާއިލީ ބޯހިޔާވެހިކަމުގެ ޕްރޮގްރާމުގެ ދަށުން ޖުމްލަ 15,000 ބިން އަދި 7,900 ފްލެޓްދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރެއިން ބިންތައް ދޫކުރާނީ ރަސްމާލެއިން ކަމަށްވާއިރު، ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. މި ޕްރޮގްރާމުގެ ދަށުން ބިން ދޫކުރަނީ މާލޭ ރަށްވެހިންގެ އިތުރުން މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށެވެ.
ބިން ދޫކުރުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، މާލޭ ރަށްވެހިންނަށް 10,000 ބިން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ބިން، އަދި މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ބިން ހާއްސަކޮށްފައިވެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން ތަރައްގީކުރަން ދަތިވާ ގޯތިތަކުގެ ވެރިންނަށް 1,500 ބިން ދިނުމަށް ވަނީ ނިންމާފަ އެވެ.
ފްލެޓް ދޫކުރުމުގައި ވެސް މައިގަނޑު ދެ ކެޓަގަރީއެއް ވަނީ ކަނޑައަޅާފަ އެވެ. އެއީ މާލޭ ރަށްވެހިންނަށް ހާއްސަ 4,000 ފްލެޓާއި، މާލޭގައި ރަށްވެހިވެފައި ނުވި ނަމަވެސް މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށް ހާއްސަ 1,500 ފްލެޓެވެ. އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ޖުމްލަ 2,400 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ






ރިއެކްޓް