ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި

17 ޖަނަވަރީ 2026 - 15:00
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި
ފޮޓޯ: ވިރާސީ

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދިން ގޮތުގައި، މި އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދުން ފެށިގެން ފެބްރުއަރީ މަހުގެ 1 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:30 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 15:30 އަށެވެ. އަދި ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 15:30 އިން ހަވީރު 18:00 އަށެވެ.

މިފަހަރުގެ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހޭނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. 

އިލެކްޝަން ކޮމިޝަނުންވަނީ އިންތިހާބާ ގުޅިގެން ޝަކުވާ ހުށަހަޅަންވެސް މިއަދު ހުޅުވާލާފަ އެވެ. އަދި މީގެއިތުރުން މައި ޕޯޓަލް މެދުވެރިކޮށް ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ ގައިޑްލައިނެއްވެސް އެ ކޮމިޝަނުން ވަނީ އާންމުކޮށްފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު އެވެ. އެ ދުވަހުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށެވެ.

މި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ މައި ދެ ސިޔާސީ ޕާޓީންވެސް މިހާރު ވަނީ އެ ޕާޓީތަކުގެ ޕްރައިމަރީތައް ބާއްވައި، އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅައި ނިންމާފަ އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0