އެމްޑީޕީ ޕްރައިމަރީ: ބަލިވާ ކެންޑިޑޭޓުން މޮޅުވާ ކެންޑިޑޭޓުގެ ފަހަތަށް އެރުމަށް ޕާޓީން ގޮވާލައިފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން، ނާކާމިޔާބީއާ ކުރިމަތިލާންޖެހޭ ކެންޑިޑޭޓުން މޮޅުވާ ކެންޑިޑޭޓުގެ ފަހަތަށް އަރައި، އެކަތިގަނޑަކަށް ވުމަށް އެ ޕާޓީގެ އިސްވެރިން ގޮވާލައްވައިފި އެވެ.
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދާއި، އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޢަފޫރު މޫސާ (ގަޕޯ) މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ވީހާވެސް ގިނަ މީހުން ނުކުމެ، ސުލްހަވެރިކަމާއެކު ވޯޓުލުމުގެ ހައްގު އަދާކުރުމަށެވެ.
ގަޕޯ ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ޑިމޮކްރަޓިކް ހަރަކާތްތައް ހިންގާ ޕާޓީ ކަމަށެވެ. އަދި ގައުމަށް ބަދަލެއް ގެންނަންޖެހޭ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެ ބަދަލު ގެނެވޭނީ ޕާޓީގެ އެންމެހާ މެންބަރުން ގުޅިގެން މަސައްކަތެ ކުރުމުން ކަމަށެވެ.
"ބަދަލެއް ގެންނަން ޖެހޭ ކަން ރައްޔިތުން ގަބޫލުކުރޭ. އެ ބަދަލު ގެނެވޭނީ އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންވެސް އަދި ސަޕޯޓަރުންވެސް މި އިންތިހާބު ނިންމުމަށްފަހު އެންމެން އެއްކޮށް ގަދަކޮށް މަސައްކަތްކޮށްގެން،" ގަޕޯ ވިދާޅުވި އެވެ.
މީގެ އިތުރުން، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވަނީ މިހާރު އޮތް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޝާހިދު ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރަކީ ދޮގާއި، މަކަރާއި ހީލަތުގެ މައްޗަށް ބިނާވެފައިވާ ފަސާދައިގެ ސަރުކާރެކެވެ. އަދި ގައުމުގެ ހަމަޖެހުމަށްޓަކައި މި ސަރުކާރު ބަލިކޮށްލުމަކީ މިއަދު ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީ އޮތީ މާދަމާ އެވެ. މެންދުރު 2:30 އިން ފެށިގެން ރޭގަނޑު 8:00އާ ހަމަޔަށް ވޯޓުލުން ކުރިއަށްދާނެ އެވެ.






ރިއެކްޓް