ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) ގިނަ އަދަދެއްގެ ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްޙާން (30އ) އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ސިރްޙާން ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކުރުމާއެކު، މި މައްސަލައިގައި މިހާތަނަށް ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 8 އަށް އަރާފައެވެ. ސިރްޙާންގެ އިތުރުން މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު (27އ), ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލް (21އ), މާލެ، މ. ކޯރަސް، އަހުމަދު ރައިހާން ނައީމް (20އ), ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދު (44އ), ލ. މާވަށް، ރޭޝަމް، މާޒިން މޫސާ (25އ), ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހިމް އަނޫފް (24އ) އަދި ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދު (30އ) އެވެ.
މި އެންމެން ވެސް މިވަގުތު ފުލުހުންގެ ބަންދުގައި ތިބިއިރު، މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ހަތަރު މީހަކު ރާއްޖެއިން ފުރުން މަނާކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ފޭރުނު މީހުން އެއާޕޯޓަށް ގޮސްފައިވަނީ ޓެކްސީއެއްގައެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން ގެންދިޔަ ޑޮލަރު ބްރީފްކޭސް ފޭރިގަތުމަށްފަހު، އެމީހުން އެއާޕޯޓުން ފިލާފައިވަނީ ލޯންޗެއްގައެވެ. ފުލުހުން ވަނީ ހަމަ އެދުވަހު އެ ލޯންޗު ހޯދައި، ބައެއް މީހުން ހައްޔަރުކޮށްފައެވެ.
ފޭރިގަތް ބްރީފްކޭހުގައި ގާތްގަނޑަކަށް އެއްލައްކަ ޑޮލަރު ހުރި ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް، އެ ފައިސާ ފެނިފައިވާ ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.






ރިއެކްޓް