ޚަބަރު

ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލުން އާދީއްތަ ދުވަހަށް ފަސްކޮށްފި

15 ޖަނަވަރީ 2026 - 11:49
ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލުން އާދީއްތަ ދުވަހަށް ފަސްކޮށްފި

ސަރުކާރުގެ "ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ "އާއިލީ ބޯހިޔާވެހިކަން" ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ބިމާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހަށް ފަސްކޮށްފި އެވެ. ހައުސިން މިނިސްޓްރީން ކުރިން ނިންމާފައި އޮތީ މިއަދު މި ފުރުސަތު ހުޅުވާލުމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ފުރުސަތު އަންނަ އާދީއްތަ ދުވަހަށް ފަސްކުރަން ނިންމީ، ހަފްތާ ބަންދާ ދިމާކޮށް ކުރިމަތިލާން ހުޅުވާލުމުން ރައްޔިތުންނަށް ދޭންޖެހޭ މައުލޫމާތު ދިނުމުގައި ދަތިތަކެއް ދިމާވެދާނެތީ ކަމަށެވެ. އެގޮތުން ބިމާއި ފްލެޓަށް އެދި ހުށަހެޅުމަށް މިނިސްޓްރީގެ ޕޯޓަލް ހުޅުވާލާނީ ޖެނުއަރީ 18، 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:00 ގައި ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މާލެ ސަރަހައްދުން ދޫކުރާ ބިމާއި ފްލެޓަށް އެދި ވަރަށް ގިނަ ފަރާތްތަކުން އެޕްލައިކުރާނެ ކަމަށް ލަފާކުރެވޭތީ އާއި ހަފްތާ ބަންދާ ދިމާކޮށް ހުޅުވުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެތީ 18 ޖެނުއަރީ 2026 ވާ އާދީއްތަ ދުވަހު ހެނދުނު 09:00 ގައި ޕޯޓަލް އާންމުކޮށް ހުޅުވަން ނިންމާފައިވާކަން އާންމުކޮށް އަންގާ އިއުލާންކުރަން،" ކަމަށެވެ.

ބޯހިޔާވެހިކަމުގެ ތަފްސީލު

އާއިލީ ބޯހިޔާވެހިކަމުގެ ޕްރޮގްރާމުގެ ދަށުން ޖުމްލަ 15,000 ބިން އަދި 7,900 ފްލެޓްދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރެއިން ބިންތައް ދޫކުރާނީ ރަސްމާލެއިން ކަމަށްވާއިރު، ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. މި ޕްރޮގްރާމުގެ ދަށުން ބިން ދޫކުރަނީ މާލޭ ރަށްވެހިންގެ އިތުރުން މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށެވެ.

ބިން ދޫކުރުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، މާލޭ ރަށްވެހިންނަށް 10,000 ބިން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ބިން، އަދި މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ބިން ހާއްސަކޮށްފައިވެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން ތަރައްގީކުރަން ދަތިވާ ގޯތިތަކުގެ ވެރިންނަށް 1,500 ބިން ދިނުމަށް ވަނީ ނިންމާފަ އެވެ.

ފްލެޓް ދޫކުރުމުގައި ވެސް މައިގަނޑު ދެ ކެޓަގަރީއެއް ވަނީ ކަނޑައަޅާފަ އެވެ. އެއީ މާލޭ ރަށްވެހިންނަށް ހާއްސަ 4,000 ފްލެޓާއި، މާލޭގައި ރަށްވެހިވެފައި ނުވި ނަމަވެސް މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށް ހާއްސަ 1,500 ފްލެޓެވެ. އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ޖުމްލަ 2,400 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0