މަސްތުވާތަކެތީގެ ހަތަރު މައްސަލައެއްގައި މީހަކު 100 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
މަސްތުވާތަކެތީގެ ހަތަރު މައްސަލައެއް ސާބިތުވެ، ނ. ކެނދިކުޅުދޫ މީހަކު 100 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކޯޓުން ހުކުމް އިއްވާފައިވަނީ ނ. ކެނދިކުޅުދޫ، ކެނދިކޮޅު، ނިޝާން، އަހުމަދު ޔާސިހުގެ މައްޗަށެވެ.
ޔާސިހުގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް އުފުލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ، ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއަދި މަސްތުވާއެއްޗެއް އުފެއްދުމުގެ ދައުވާ އެވެ. މި ހަތަރު ދައުވާވެސް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައިވާ ގޮތުން، ސާބިތުވި ކޮންމެ ދައުވާއަކަށް 25 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މީގެ އިތުރުން ކޮންމެ ދައުވާއަކާ ގުޅިގެން 100,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ވަނީ ނިންމާފައެވެ. އެހެންކަމުން ހަތަރު މައްސަލަ އެއްކޮށްލުމުން އޭނާގެ މައްޗަށް ވަނީ ޖުމްލަ 100 އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ.
ޔާސިހުގެ މައްޗަށް 100 އަހަރުގެ ޖަލު ހުކުމެއް އައި ނަމަވެސް، މި މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުން އުނިކުރެވޭނެއެވެ. އެގޮތުން އޭނާ ބަންދުގައި ހޭދަކުރި 2 އަހަރާއި 7 މަހުގެ މުއްދަތު އުނިކުރުމަށްފަހު، އޭނާ ޖަލުގައި ތަންފީޒު ކުރަން ޖެހޭނީ 98 އަހަރުގެ މުއްދަތެއް ކަމަށް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.






ރިއެކްޓް