ސާފް ފުޓްސަލް: ޕާކިސްތާނު ބަލިކޮށް ގައުމީ ފުޓްސަލް ޓީމުން ތާރީހީ ފުރަތަމަ މޮޅު ހޯދައިފި
ތައިލެންޑުގާ މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާނާ ބައްދަލުކޮށް 7-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، ދިވެހިރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ތާރީހީ ކާމިޔާބީއެއް ހޯދައިފި އެވެ.
މިއީ ބައިނަލްއަގްވާމީ މެޗަކުން ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ.
މި މެޗުގައި ރާއްޖޭގެ ޓީމުން ވަނީ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކައި ފަސް ލަނޑު ޖަހާފަ އެވެ. ރާއްޖޭގެ ފުރަތަމަ ލަނޑު އަހުމަދު ހަމީދު (އައްމަޑޭ) ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު ޖަހައިދިނީ އަލީ ޝިޔާހު (ޝިޔާ) އެވެ. ޓީމުގެ ތިންވަނަ ލަނޑު ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކުރިއިރު، ހަތަރުވަނަ ލަނޑަކީ ލިބުނު ފުރުސަތެއްގައި ކީޕަރު ޒައިދާން ފައިން ޖެހި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހޯދި ލަނޑެކެވެ. ފުރަތަމަ ހާފުގެ ފަސްވަނަ ލަނޑު ލިބުނު ދުރު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޝަމާލް އަބްދުﷲ (ޝައްމު) އެވެ.
ދެވަނަ ހާފުގައި ރާއްޖޭގެ ހަވަނަ ލަނޑު ޖަހައިދިނީ ވެސް ކެޕްޓަން އިންމި އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ޕާކިސްތާނުން ޕަވަޕްލޭއަށް ނިކުމެ ކުޅެމުން ދިޔަ ވަގުތެއްގަ އެވެ. ރާއްޖޭގެ ހަތްވަނަ ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.
ޖުމްލަ 6 ޓީމު ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ޓީމުން ދެން ބައްދަލުކުރާނީ ބަންގްލަދޭޝްއާ އެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ އިރުއޮއްސި 6:00 ގައެވެ.
މިއަދުގެ މި ފުރިހަމަ މޮޅާއެކު ގައުމީ ޓީމަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް ބޮޑު ހިތްވަރެއް ލިބިފަ އެވެ.






ރިއެކްޓް