ރާއްޖެ ޒިޔާރަތްކުރި 60 ވަނަ ފަހަރު ދެމަފިރިން މަރުވެއްޖެ
ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިނގިރޭސިވިލާތުގެ ދެމަފިރިއަކު، ފީނަން އުޅުމުގެ ތެރޭގައި ދިމާވި ހާދިސާއެއްގައި މަރުވެއްޖެ އެވެ. މިއީ މި ދެމަފިރިން ރާއްޖެއަށް ކުރި 60 ވަނަ ޒިޔާރަތެވެ.
މިދިޔަ ޑިސެމްބަރު މަހު ހިނގި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 70 އަހަރުގެ އިލެއިން ރިޗްމަންޑާއި، އޭނާގެ ފިރިމީހާ އުމުރުން 71 އަހަރުގެ މެލްކަމް ރިޗްމަންޑެވެ. މި ހާދިސާ މިދިޔަ މަހު 19 ގައި ހިނގާފައިވަނީ އަރިއަތޮޅުގެ މަޝްހޫރު ޑައިވް ސައިޓެއް ކަމަށްވާ އެލައިދޫ ކައިރީގައި ފީނަން އުޅުމުގެ ތެރޭގަ އެވެ. އިލެއިން ރިޗްމަންޑް މަރުވީ ފީނައިގެން އެރިތާ މާގިނަ އިރުތަކެއް ނުވަނީހެވެ. އަދި މެލްކަމް މަރުވީ އޭގެ ދެ ދުވަސްފަހުން ފުރަން އެއާޕޯޓަށް ގޮސް ހުއްޓާ ހާލުދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މި މަރުތަކުގައި ޝައްކުކުރެވޭ ފަދަ އެއްވެސް ކަމެއް ނެތެވެ. އަދި މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި މިއީ އެކްސިޑެންޓެކެވެ. މި ހާދިސާގެ ސިއްހީ އަދި އިޖުރާއީ ތަފްސީލުތައް ބެލުމަށް އިނގިރޭސިވިލާތުގެ ކޯޓަކުން މި މަހުގެ ފަހުކޮޅު ތަހުގީގެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.
އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ވަނީ އެ އާއިލާއަށް ބޭނުންވާ ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅައިގެން މަސައްކަތް ކުރަމުންދާކަން ކަށަވަރުކޮށްދީފަ އެވެ.






ރިއެކްޓް