ރާއްޖެ ސުޕަ ލީގު ޗެމްޕިއަންކަން ލ.މާބައިދޫއަށް
ވޮލީބޯޅަ އެސޯސިއޭޝަނުން މުޅި ރާއްޖެއަށް ހުޅުވާލައިން ބޭއްވި ރާއްޖެ ސުޕަ ލީގުގެ ޗެމްޕިއަންކަން ލ. މާބައިދޫއިން ހޯދައިފި އެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ލ. މާބައިދޫއިން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި އެ އަތޮޅު ގަމުގެ މައްޗަށް 3-2 ސެޓުން ކުރި ހޯދައިގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު ފައިނަލް މެޗުގެ ސެޓުތަށް ދިޔައީ، 21-15، 25-17، 20-25، 26-24 އަދި 15-10 އިންނެވެ. ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުރިއަށްދިޔަ މި މެޗުގެ އެންމެ ފޯރިގަދަ ސެޓަކަށް ފެނުނީ ހަތަރުވަނަ ސެޓެވެ. މި ސެޓުގައި ގަން މޮޅުވާން ދަނިކޮށް މާބައިދޫއިން ތަފާތު މޮޅު ކުޅުމެއް ދައްކާ ފަހަތުންއަރާ ސެޓު ކާމިޔާބުކުރި އެވެ. އަދި ފަސޭހަކަމާއި އެކު 5 ވަނަ ސެޓުން މޮޅުވެ މުބާރާތް ކާމިޔާބުކުރި އެވެ. މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދައްކާ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މާބައިދޫގެ އާމިނަތު އަރީޝާ އެވެ.
މުބާރާތުގެ ތިން ވަނަ ހޯދީ ކ. ހުރާ އެވެ. އިއްޔެ ހަވީރު ކުޅުނު ތިންވަނަ ހޮވާ މެޗުގައި ހުރާ އިން ވަނީ ށ. ފުނަދޫގެ މައްޗަށް 3-2 ސެޓުން ކުރި ހޯދާފަ އެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މާބައިދޫގެ އަދި ގައުމީ ޓީމުގެވެސް ސެޓަރު ފާތިމަތު ޖޫޒާން ޒަރީރެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ މާބައިދޫގެ ކޯޗު އަހުމަދު އަދީލެވެ.
މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި މާބައިދޫގެ ޖޫޒަން، އަރިޝާ އަދި މާނާ ހިމެނުނު އިރު، ގަމުގެ ނާޒިމާ އަދި ގައުމީ ކެޕްޓަން ހައްވާ ރާޝިދާވެސް ވަނީ ހިމެނިފަ އެވެ. މީގެ އިތުރުން ށ. ފުނަދޫގެ ޝަހާ އަދު ކ. ހުރާގެ މާސާވެސް ވަނީ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.






ރިއެކްޓް