ރިޝްވަތުގެ އަމަލުތަކަށް ސަމާލުވެ، ފައިސާ ދޭނަމަ ރިޕޯޓުކުރަން އޭސީސީން އިލްތިމާސްކޮށްފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ހިންގާފާނެ ރިޝްވަތުގެ އަމަލުތަކުން ދުރުހެލިވެ، އިންތިހާބުތަކުގައި ހިފަހައްޓަންޖެހޭ ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އޭސީސީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ވޯޓުލާ މީހުންގެ މެދުގައި ހިންގާ ރިޝްވަތުގެ އެންމެހައި ކަންކަމަށް ހުރިހާ ފަރާތްތަކުންވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އަދި ރިޝްވަތުގެ މުއާމަލާތްތަކުގެ ތެރެއިން ވޯޓު ގަނެގެން މަގާމުތަކަށް އިންތިހާބުވުމަށް ވިސްނާ ކެންޑިޑޭޓުންނަކީ، ރައްޔިތުންގެ ހަގީގީ ބާރުވެރިކަން ރައްޔިތުންގެ އަތުން ނިގުޅައިގަނެ، ހަމައެކަނި އެފަދަ ފަރާތްތަކުގެ އަމިއްލަ މަސްލަހަތަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި އެ ކޮމިޝަނުން ސިފަކޮށްފައިވެ އެވެ.
އިންތިހާބުތަކުގެ އިންސާފުވެރިކަން ކަށަވަރުކުރުމަށް ބާރުއަޅަމުން އޭސީސީގެ ބަޔާނުގައި ވަނީ، "އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތުގެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ކޮމިޝަނުން އިލްތިމާސްކުރަމެވެ. އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތަކަށްވާ ގޮތަށް އެއްވެސް ފައިސާއެއް ނުވަތަ އެއްޗެއް، އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެފަދަ ހުށަހެޅުމެއްގެ މައުލޫމާތު މި ކޮމިޝަނަށް ފޯރުކޮށްދިނުމަށް އިލްތިމާސްކުރަން،".
މީގެ އިތުރުން، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ ކެމްޕޭން ކުރާ ފަރާތްތަކުން ވޯޓަށް އަސަރުކުރާނެ ފަދަ ކޮރަޕްޝަންގެ އަމަލުތައް ހިންގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށްވެސް އޭސީސީން ވަނީ އެދިފަ އެވެ. އޭގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދުން ނުވަތަ ހޯދައިދިނުމާއި، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ އިތުރުން، އަމިއްލަ ފައިދާއަށް ދައުލަތުގެ ތަކެތި ބޭނުންކުރުން ފަދަ ކަންކަން ހިމެނެ އެވެ.
ކޮމިޝަނުން ބަޔާންކުރާ ގޮތުގައި، މިފަދަ އަމަލުތަކަކީ އިންތިހާބެއްގެ ނަތީޖާ އޮޅުވާލައި، ރައްޔިތުންގެ އިތުބާރު ގެއްލުވައިލާނެ ކަންކަމެވެ. އެހެންކަމުން، އެންމެހައި ފަރާތްތަކުން ގާނޫނާއި ގަވާއިދުތަކަށް ބޯލަނބައި، ނަޒާހަތްތެރިކަމާއެކު އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެފަ އެވެ.






ރިއެކްޓް