ޚަބަރު , ސިޔާސީ

ތަރައްގީއަށް ހުރަސްއަޅަނީ ކައުންސިލްތަކުން ކަމަށް ރައީސް ވިދާޅުވި ވިދާޅުވުން އެމްޑީޕީން ކުށްވެރިކޮށްފި

12 ޖަނަވަރީ 2026 - 19:44
ތަރައްގީއަށް ހުރަސްއަޅަނީ ކައުންސިލްތަކުން ކަމަށް ރައީސް ވިދާޅުވި ވިދާޅުވުން އެމްޑީޕީން ކުށްވެރިކޮށްފި

ރަށްރަށުގެ ތަރައްގީއަށް ހުރަސް އަޅަނީ ކައުންސިލްތަކުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރިކޮށްފި އެވެ.

މިކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސްގެ އެ ވާހަކަފުޅަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބުރަނުވެ، ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވާލައިގެން އިންތިހާބު ކާމިޔާބުކުރުމުގެ މަކަރުވެރި ރޭވުމެއްގެ ދަށުން ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.

އެމްޑީޕީން ފާހަގަކުރި ގޮތުގައި، މިދިޔަ ދެ އަހަރުގެ ތެރޭގައި ސަރުކާރުން ރަށްފުށުގެ ތަރައްގީއަށް އެދެވޭ އެއްވެސް ބަދަލެއް ގެނެވިފައި ނުވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ހުސް ވައުދުތައްވެ، އެ ވައުދުތައް އަލުން އާކުރުންމަތީ ސަރުކާރުން ދެމިތިބުމުގެ ސަބަބުންނެވެ. ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވަނީ ކައުންސިލްތަކުގެ ސަބަބުން ނޫން ކަމަށާއި، އެއީ ސަރުކާރުގެ ނާގާބިލުކަމުން ވެފައިވާ ކަމެއް ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.

ލާމަރުކަޒީ ގާނޫނާ ގުޅޭގޮތުން އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، ކައުންސިލްތަކަށް ގާނޫނުން ލާޒިމުކުރާ އެންމެ މުހިއްމު ކަމަކީ ރައްޔިތުންނާ މަޝްވަރާކޮށްގެން 5 އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލައި ތަންފީޒުކުރުން ކަމަށެވެ. ނަމަވެސް، ކައުންސިލްތަކުން އެ ޕްލޭންތައް އެކުލަވާލައި ތަންފީޒުކުރަމުން ދަނިކޮށް، ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ބަދަލުގެނެސް، ތަރައްގީގެ ޕްލޭން ތަންފީޒުކުރުން އެއް އަހަރު ދުވަހަށް މެދުކަނޑާލާފައިވާކަން އެ ޕާޓީން ފާހަގަކުރި އެވެ.

އެމްޑީޕީން ވަނީ ގާނޫނުގެ ފުރިހަމަ ބޭނުން ކައުންސިލްތަކުން ހިފާ، ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްގީ ގެނައުމަށް ސަރުކާރުން ހުރަސް ނޭޅުމަށް ގޮވާލާފައެވެ. އަދި ރައްޔިތުންގެ ބޮޑު އިތުބާރަކާއި ތާއީދެއް ލިބިފައިވާ ލާމަރުކަޒީ ނިޒާމަށް، ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ނެތި އެއްވެސް ބަދަލެއް ނުގެނައުމަށްވެސް އެ ޕާޓީން ވަނީ ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ.

ރައީސް މި މޭރުމުން ވާހަކަދެއްކީ ޕީއެންސީ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0