މަސްތުވާތަކެތި އެތެރެކުރަން އުޅުނު ތިން މީހަކު ބާރަށާއި ފުނަދޫއިން ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހއ. ބާރަށުން ދެ މީހަކާއި ށ. ފުނަދޫއިން މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފި އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް / ޕާޓްރާ، ޢަލީ ތަސްލީމް އާއި، ހއ. ބާރަށް / ކުށްޅަވައްގެ، ޝަރަފުއްދީން އަދި ށ. ފުނަދޫ / ނީލު ވިލާ، އާދަމް ފަތުހީ އެވެ.
މީގެތެރެއިން ޢަލީ ތަސްލީމް އަދި ޝަރަފުއްދީން ހައްޔަރުކޮށްފައިވަނީ، ހަށިގަނޑުގައި ރައްކާކޮށްގެން ބާރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބާރަށު ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. މި މަހުގެ 8 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، އެ ރަށު ޖެޓީ ސަރަހައްދުން މި ދެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އާދަމް ފަތުޙީ ހައްޔަރުކޮށްފައިވަނީ ށ. ނަރުދޫއިން ފުނަދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. މި މަހުގެ 8 ވަނަ ދުވަހު ފުނަދޫ ބަނދަރުމަތިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެ އެވެ.
މި މައްސަލަތަކުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރަފުއްދީން ބަންދުގައި ބެހެއްޓުމަށް ހަތް ދުވަސް އަދި ޢަލީ ތަސްލީމް ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ކޯޓުން ވަނީ ދީފަ އެވެ. މީގެ އިތުރުން އާދަމް ފަތުހީގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ފުލުހުން ދަނީ މި ދެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.






ރިއެކްޓް