ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރަން އަންހެން ގައުމީ ޓީމު ފުރައިފި
ސާފް އަންހެން ފުޓްސަލް މުބާރާތުގައި ވާދަކުރާ ޤައުމީ ފުޓްސަލް ޓީމް މުބާރާތުގައި ވާދަކުރުމަށް ތައިލެންޑަށް ފުރައިފިއެވެ.
ތައިލެންޑަށް ފުރުމުގެ ކުރިން ޤައުމީ ޓީމްގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުއްރައްޒާޤް އިބްރާހިމް އެވެ. ސްޓޭޓް މިނިސްޓަރު ރައްޒާޤްގެ އިތުރުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަޙުމަދު ޒަރީރު އާއި އެފްއޭއެމްގެ ސީނިއާ އެހެން އޮފިޝަލުންވެސް ޓީމު ފުރުމުގެ ކުރިން ކުޅުންތެރިންނާ ބައްދަލުކުރެއްވިއެވެ.
ސާފްގެ އަންހެން ފުޓްސަލް މުބާރާތަށް ތައްޔާރުވުމަށް ޤައުމީ އަންހެން ޓީމް ތަމްރީންތައް ފަށާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. މިގޮތުން ބޮޑު ސްކޮޑަކާއިއެކު ފަރިތަކުރުންތައް ކުރިއަށްގެންގޮސް މުބާރާތުގައި ވާދަކުރާ ޓީމް ޓީމް ފައިނަލްކޮށްފައިވަނީ ދެ ދުވަސް ކުރިންނެވެ.
ޓީމްގައި ހިމެނޭ ކުޅުންތެރިންނަކީ ފާތިމަތު ސައުސަން، ސާއިގާ ހުސެއިން، ފާތިމަތު އަފްޒާ، ފާތިމަތު ޝާލިޔާ، މަރިޔަމް ރިފާ، ފާތިމަތު އިނާޝާ އާދަމް، ރާނިޔާ އިބްރާޙީމް، އައިމިނަތު ފަޒްލާ، ފާތިމަތު ސައިނާ، މަރިޔަމް ނޫރާ، ފާތިމަތު ފައިހާ އަލީ، އައިމިނަތު ފައިހާ އަލީ، އައިމިނަތު ޝާމިލާގެ އިތުރުން މަރިޔަމް ޝަފާ ބިންތު އަޙްމަދު އަލީ އަދި ހައްވާ ހަނީފާއެވެ.
މި ޓީމްގެ ކޯޗަކީ ލޯކަލް ގިނަ މުބާރާތްތަކެއްގައި އަންހެން އަދި ފިރިހެން ކުލަބުތަކަށް އިރުޝާދުދީފައިވާ އާތިފް މުޙައްމަދުއެވެ. އެސިސްޓަންޓް ކޯޗަކީ މުޙައްމަދު އިހުސާން ސައީދު (ލިއުބީ) އެވެ. ގޯލްކީޕަރ ކޯޗަކީ އިބްރާހިމް އަހުމަދުއެވެ. އަދި ޓީމްގެ މެނޭޖަރަކީ އާމިނަތު ސިޔާނާއެވެ.
މި މަހުގެ 13-27 އަށް ކުރިއަށްދާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ސާފްގެ ހަތް ގައުމުން ވާދަކުރާނެއެވެ. ދިވެހިރާއްޖެ މި މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ސަރަހައްދީ ގަދަ ބާރު އިންޑިއާއާ ދެކޮޅަށެވެ.






ރިއެކްޓް