ޚަބަރު

39 މީޑިއާއަކަށް ފައިސާ ދޫކުރުމަށް ޔޫތު މިނިސްޓްރީއަށް ފޮނުވައިފި

6 ޖަނަވަރީ 2026 - 13:35
39 މީޑިއާއަކަށް ފައިސާ ދޫކުރުމަށް ޔޫތު މިނިސްޓްރީއަށް ފޮނުވައިފި

ސަރުކާރުން މީޑިއާތަކަށް ދޫކުރާ މާލީ އެހީ ހޯދުމަށް އެދި ހުށަހެޅި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވި 39 މީޑިއާއަކަށް ފައިސާ ދޫކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ހާމަކޮށްފިއެވެ.

މީޑިއާ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީޑިއާތަކަށް މާލީ އެހީ ދިނުމަށް ކަނޑައަޅާފައިވާ އުސޫލަށް ބަދަލުތަކެއް ގެނެސް ފުރުސަތު ހުޅުވާލުމުން، ޖުމްލަ 57 މީޑިއާއަކުން ޕޯޓަލްގައި ޕްރޮފައިލް ހަދާފައިވާ ކަމަށެވެ. މީގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުތުތައް ހަމަވެފައިވަނީ 41 މީޑިއާއަކަށެވެ.

އެއް ކުންފުންޏަކުން ހިންގާ ދެ މީޑިއާއަކުން ދައުލަތުގެ މާލީ އެހީއަށް އެދިފައިވާކަން ފާހަގަވުމުން، އެ ދެ މީޑިއާއަށް ފައިސާ ދޫކުރުން މަޑުޖައްސާލާފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ކުރިމަތިވެފައިވަނީ "އެމްވީ ޕްލަސް" އަދި "ކޯޕަރޭޓް މޯލްޑިވްސް މެގަޒިން" އަށެވެ.

މީގެ ކުރިން ނިންމާފައި އޮތީ އެމްވީ ޕްލަސްއަށް 684,000 ރުފިޔާ އަދި ކޯޕަރޭޓް މޯލްޑިވްސްއަށް 690,000 ރުފިޔާ ދިނުމަށެވެ. ނަމަވެސް، މިހާރު ފައިސާ ދޫކުރަން ފޮނުވި މީޑިއާތަކުގެ ލިސްޓުގައި މި ދެ މީޑިއާ ހިމަނާފައެއް ނުވެއެވެ.

ކޮމިޝަނުން އިތުރަށް ބުނި ގޮތުގައި، ދައުލަތުގެ އެހީ ލިބޭނީ ޖުމްލަ 40 މީޑިއާއަކަށެވެ. އެއީ ފައިސާ ހިފެހެއްޓި ދެ މީޑިއާގެ ތެރެއިން އެއް މީޑިއާ ހިމަނައިގެންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0