މަޖިލިސް ޗުއްޓީގައި ގާނޫނު އަސާސީ ބަދަލުކުރަން އުޅޭތީ ފާޑުކިޔުން!
ރައްޔިތުންގެ މަޖިލިސް އަހަރީ ޗުއްޓީގައި އޮއްވާ, މެންބަރުން އެއްކޮށްގެން ގާނޫނު އަސާސީ ބަދަލުކުރަން އުޅުމަކީ ރައްޔިތުން އެކަމާމެދު ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރުން ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ދައުރުން ބޭރު ޖަލްސާއެއް ބާއްވައި މިއަދު ހުށަހަޅައިފައެވެ.
މިކަމާ ގުޅިގެން ފައްޔާޒް "އެކްސް"ގައި ވިދާޅުވީ ރައްޔިތުންގެ ބާރުވެރިކަމަށް ސީދާ ގޮތުން އަސަރުކުރާނެ މިފަދަ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާކުރުމުގެ ފުރުސަތު ދޭން ވާނެ ކަމަށާއި މިކަމާމެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ.
އިންތިހާބުތައް އެއްކޮށްލުމާމެދު ފައްޔާޒްގެ ހިޔާލުތަފާތުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ކުރަން މި އުޅޭ ކަމަކީ ރައްޔިތުންގެ އަތުގައި އޮތް ވޯޓުން ގައުމުގެ ކަންކަން ނިންމުމުގެ ބާރު ފޭރިގަތުން ކަމަށެވެ.
"ހަރަދު ކުޑަކުރަން މި މަތިބަރު ސަރުކާރުން އުޅޭ ތަނެއް ފެނުނު އެކަކުވެސް ނެތް. ވޯޓާ ގުޅުންހުރި ކަންކަމުގައި "ހަރަދު ކުޑަކުރަން" ކުރަން މި އުޅޭ ކަންކަމާމެދު އެންމެހާ ދިވެހިން ވިސްނާލުން ބުއްދިވެރި," ފައްޔާޒް ވިދާޅުވިއެވެ.
ޗެކްސް އެންޑް ބެލެންސް ނިޒާމު ވަރުގަދަކޮށް ރައްޔިތުންނަށް ވެރިކަމެއް ކޮށްދިނުމުގެ ހެޔޮ ނިޔަތެއް އޮތް ނަމަ، މަޖިލިސް އިންތިހާބު ސްޓެގާކޮށް ދެ ބަޔަކަށް ބަހާލައި، ރިޔާސީ އިންތިހާބާ އެކު ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި އަދި ރިޔާސީ ދައުރުގެ މެދުން މަޖިލީހުގެ އަނެއް ބައި މެންބަރުންގެ އިންތިހާބު ބޭއްވުން ރަނގަޅު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ނަމުގައި އިންތިހާބުތައް އެއްކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ޔޮ ނިޔަތުގައި ހަރަދު ކުޑަކުރާނަމަ ރިޔާސީ އިންތިހާބައި ކައުންސިލް އިންތިހާބު އެއްކުރަން ޖެހޭ ކަމަށެވެ. އެއީ ރަށުގައި ލެވެލް ނެގޭ ދެ ދެ ވޯޓު ކަމަށް ވާތީ ކަމަށް ވިދާޅުވިއެވެ.
"ރައްޔިތުންގެ ބާރުވެރިކަމަށް ސީދާ ގޮތުން އަސަރުކުރާނެ މިފަދަ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާކުރުމުގެ ފުރުސަތު ދޭން ވާނެ. އަދި ބަހުސްގައި މަތީގައު ލިޔެވިދިޔަފަދަ އިތުރު އޮޕްޝަންތައް ރައްޔިތުންނާ ހިސާބަށް ގެންދަން ރައީސް މުއިޒުއަށް ކެރިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރަން." ފައްޔާޒް ވިދާޅުވިއެވެ.






ރިއެކްޓް