އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ހައްޔަރުކޮށްފި
ވެނެޒުއޭލާއަށް އެމެރިކާއިން ހަމަލާދީ، އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށްފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ބުނެފި އެވެ.
ވެނެޒުއޭލާއަކީ "ނާކޯ ސްޓޭޓް" އަކަށް ތުހުމަތުކުރައްވާ ޓްރަމްޕު ވަނީ މަދޫރޯ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ހައްޔަރުކޮށްފައިވާކަމަށް ބުނެފައެވެ.އެ ދެކަނބަލުން ގެންދިޔައީ ކޮންތަނަކަށް ކަމެއް ޓްރަމްޕް ހާމަކުރައްވާފައެއް ނުވެއެވެ.
ޓްރަމްޕް ތުހުމަތުކުރައްވާ ގޮތުގައި ވެނެޒުއޭލާ ވަނީ "ނާކޯ ސްޓޭޓް" އަކަށް ބަދަލުވެފަ އެވެ. އަދި އެގައުމުގައި އެންމެ ފަހުން ބޭއްވި އިންތިހާބު އޮޅުވާލާފައިވާ ކަމަށް ވެސް އެމަނިކުފާނު ތުހުމަތުކުރައްވަ އެވެ. ވެނެޒުއޭލާގެ ބައެއް ނޫސްތަކުންނާއި ސޯޝަލް މީޑިއާގައި މީހުން ކޮށްފައިވާ ޕޯސްޓްތަކާއި ވީޑިއޯތަކުން އެނގޭ ގޮތުގައި މެންދަމުން އަލިވެ ދެގަޑި ފަހުން ހެލިކޮޕްޓަރުތަކެއް ވެނެޒުއޭލާގެ ވައިގެ ސަރަހައްދަށް ވަރަށް ތިރިން ވަދެފައިވެ އެވެ.
ސޯޝަލް މީޑިއާގައި މީހުން ބުނެފައިވާ ގޮތުގައި ހަމަލާ ދިން ތަންތަނުގެ ތެރޭގައި ކަރަކަސްގެ ފުއެރްޓޭ ޓިއުނާ ފަދަ އަސްކަރީ ތަންތަން ހިމެނެ އެވެ. އަދި އެއާކްރާފްޓްތައް ވައިގެ ސަރަހައްދަށް ވަނުމާ އެކު ވެނެޒުއޭލާގެ ވައިގެ ދިފާއީ ނިޒާމުން ރައްދު ވެސް ދިން ކަމަށް ބުނެފައިވެ އެވެ. ޓްރަމްޕުގެ އަމުރަށް ވެނެޒުއޭލާއާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާއިން އެކި އޮޕަރޭޝަންތައް ހިންގަމުންދާއިރު، މިދިޔަ ހަފްތާގައި ޑޮކިން އޭރިއާއަކަށް ޑްރޯނުން ހަމަލާ ދީފައިވެ އެވެ.






ރިއެކްޓް