ޚަބަރު

ހަނިމާދޫ އެއާޕޯޓު އިންޑިއާ ކުންފުންޏަކަށް ދޭން އުޅޭ ވާހަކަ އަމީނު ދޮގުކޮށްފި

2 ޖަނަވަރީ 2026 - 14:27
ހަނިމާދޫ އެއާޕޯޓު އިންޑިއާ ކުންފުންޏަކަށް ދޭން އުޅޭ ވާހަކަ އަމީނު ދޮގުކޮށްފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ދެކެވޭ ވާހަކަތައް ޓްރާންސްޕޯޓް މިނިސްޓަރ އަމީން ދޮގުކޮށްފިއެވެ.

މިއަދުގެ ހުކުރު ގަޑި ފެށުނުތަނާހެން މިނިސްޓަރު އަމީނު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގެ އެއާޕޯޓުތައް ހިންގުން ދިވެހިންގެ އަތް މަތީ ބޭއްވުން ކަމަށާއި ރާއްޖޭގައި ހިންގާ ހުރިހާ އެއާޕޯޓެއް ހިންގާނީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ދީފައިވާ ދިވެހި އޮޕަރޭޓަރުން" ކަމަށެވެ.

މިނިސްޓަރު މިފަދައިން ޓުވީޓު ކުރެއްވީ ހަނިމާދޫ އެއާޕޯޓު އިންޑިއާގެ ކުންފުންޏަކަށް ދިނުމަށް ޚުދު ރައީސް މުޢިއްޒު އިސްވެ އިންޑިއާ ސަރުކާރުގައި އެދިފައިވާކަމަށް އިންޑިއާގެ ނޫހެއްގައި ރިޕޯޓު ކުރުމާއި ގުޅިގެން ކަމަށް ބެލެވެއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" ގައި ޑިސެމްބަރު 31 ވަނަ ދުވަހު ލިޔެފައިވާ ޚަބަރެއްގައި ބުނެފައިވަނީ މިދިޔަ ނޮވެންބަރުމަހުގެ 9 ވަނަ ދުވަހު ހަނިމާދޫ އެއާޕޯޓު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ އަރިހުން ހަނިމާދޫ އެއާޕޯތު ހިންގުމަށް އިންޑިއާގެ ކުންފުންޏެއް ހޯދުމަށް އެދިފައިވާ ކަމަށެވެ.

އަދި ދިވެހި ސަރުކާރުން ހުށަހެޅި މި ޕްރޮޕޯސަލް އާއި މެދު ގޮތެއް ނިންމުމަށް ބަލަން ޖެހޭ ބެލުންތައް ބެލުމަށް އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއި) ގައި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން އެދިފައިވާ ކަމަށްވެސް "ދަ ހިންދޫ" ގައި ރިޕޯޓުކޮށްފައިވެއެވެ.

އޭއޭއައި ގެ ބެލުމުގެ ދަށުގައި އިންޑިއާގެ 113 އެއާޕޯޓެއް އޮންނައިރު އޭގެ ތެރޭގައި 26 އެއާޕޯޓަކީ ސަރުކާރުގެ އެއާޕޯޓުތަކެވެ. އަދި އޭއޭއައި ގެ 13 އެއާޕޯޓެއް އަމިއްލަ ކުންފުނިތަކަށް ހަވާލުކޮށްފައިވާ އިރު އޭގެ ތެރޭގައި އިންޑިއާގެ ޖީއެމްއާރު ކުންފުނިވެސް ހިމެނެއެވެ.

އިންޑިއާއާއި ރާއްޖޭގެ ގުޅުންތައް ހުރިގޮތަށް ބަލާއިރު މި މަޢުލޫމާތަކީ ތެދަކަށް ވެއްޖެނަމަ ހަނިމާދޫ އޭއާޕޯޓު ހަވާލުކުރާނީ ޖީއެމްއާރު ކުންފުންޏާއެވެ. އެހެނީ ޖީއެމްއާރު ކުންފުނި ރާއްޖެއިން ބޭރުކޮށްލުން ވެފައިވަނީ އިންޑިއާއަށް ހަޖަމުކުރަން އުނދަގޫ ކަމަކަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0