އިންޑޯގައި ފަރިތަކޮށް ސާފަށް ތައްޔާރުވާން ފުޓްސަލް ގައުމީ ޓީމު ޗައިނާއަށް ފުރައިފި
މުޅިން އަލަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމު ޓްރެއިނިންގް ކޭމްޕަކަށް ޗައިނާއަށް މިއަދު ހެނދުނު ފުރައިފި އެވެ.
ޖެނުއަރީ 13 އިން 26 އަށް ތައިލެންޑުގައި ކުރިއަށްދާން ހަމަޖެހިފައިވާ މި މުބާރާތަށް ރާއްޖޭގެ ޓީމު ފަރިތަކުރުންތަށް ފަށާފައިވަނީ މި މަހު އެއް ވަނަ ދުވަހު ހުޅުމާލޭ ރެހެނދި ދަނޑުގަ އެވެ. އުޒްބަކިސްތާނުގެ ކޯޗު ފާރޫގް ޒަކިރޯވްގެ ބެލުމުގެ ދަށުން ފުރަތަމަ ފަރިތަކުރުންތަށް ފެށި އިރު 40ހަކަށް ކުޅުންތެރިން ބައިވެރިވި އެވެ. ނަމަވެސް ސްކޮޑު ކުޑަކޮށް ޓްރެއިނިންގް ކޭމްޕަށް ދަނީ 18 ކުޅުންތެރިންނެވެ. އޭގެ ތެރެއިން މުބާރާތަށް ދާނީ 17 ކުޅުންތެރިންނެވެ. ޓްރެއިނިންގް ނިންމުމަށްފަހު ޓީމު ތައިލެންޑަށް ދާނީ ޗައިނާ މަގުންނެވެ.
ރާއްޖޭގައި ގިނަ ބަޔަކު ކުޅޭ އަދި ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ފުޓްސަލް އަކީ އިންޑޯ ކުޅިވަރެއް ނަމަވެސް ރާއްޖޭގައި އަދި މިހާތަނަށް އިންޑޯ ދަނޑެއް އެޅިފައި ނުވެއެވެ. މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގެ ދަށުން ފުޓްސަލް އިންޑޯ ކޮމްޕްލެކްސްއެއްގެ މަސައްކަތްފަށަން އޮތް ނަމަވެސް އެކަމުގެ އެއްވެސް އެދެވޭ މަސައްކަތެއް ކުރެވިފައިނުވެ އެވެ.
އިންޑޯ ދަނޑެއް ނެތި އަދި އިންޑޯގައި އެންމެ އެދެވޭ ޓްރެއިނިންގް ވެސް ނުލިބި ރާއްޖޭގެ ފުޓްސަލް ޓީމު ވަނީ ބައިނަލްއަގްވާމީ ބައެއް މުބާރާތްތަކުގައި ބައިވެރިވެފަ އެވެ. ނަމަވެސް މި މުބާރާތްތަކުން އެންމެ ރަނގަޅު ނަތީޖާއެއް ނުލިބުނު ނަމަވެސް މި ފަހަރުގެ މުބާރާތުން ރަނގަޅު ނަތީޖާއެއް ލިބުމުގެ އުންމީދު ޓީމުގެ އެބައޮތެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވަނީ ރާއްޖޭގެ އިތުރުން ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، އިންޑިއާ، ބޫޓާން އަދި ސްރީ ލަންކާ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ޖެނުއަރީ 14 ވަނަ ދުވަހު ނިކުންނާނީ ޕާކިސްތާނާއި ދެކޮޅަށެވެ.






ރިއެކްޓް