ޚަބަރު

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ގަރާރު ނެރެފި

30 ޑިސެންބަރު 2025 - 13:49
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ގަރާރު ނެރެފި

ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރަން ނިންމައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރު ނެރުއްވައިފިއެވެ. 

ރާރުގައިވާ ގޮތުން މި ގޮތަށް ނިންމީ އަންނަ އޭޕްރިލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވައިލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ޙާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިޚާބީ ދާއިރާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބަލަންވާނީ އެ މީހުން އަލަށް ބަދަލުކުރެވުނު ރަށްކަމަށް ބަޔާންކޮށްފައިވާތީ، ހިރިމަރަދޫގެ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ، ހަނިމާދޫކަމުގައި ބެލުމަށް އިލެކްޝަންސް ކޮމިޝަނަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ. 

މި ގަރާރާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މިހާރު ހިރިމަރަދޫގެ ރައްޔިތުން ވޯޓު ލާން ޖެހޭނީ ހަނިމާދޫ ކައުންސިލަށެވެ. 

އަދި އެއާއެކު ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމުން، ހިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫންކަމަށް ކަނޑައަޅާނެއެވެ. 

ހިރިމަރަދޫއިން މީހުން ބާލަން ނިންމާފައިވަނީ އެ ރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު އަސާސީ ޚިދުމަތް ގާއިމްކުރާނެކަމަށް ބުނެ، ސަރުކާރުން އެ ރަށުގައި 4.1 މިލިއަން ރުފިޔާއަށް "ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރެއް" ޕްރޮޖެކްޓެއް ވެސް ދީފައިވަނިކޮށެވެ. އެ ޕްރޮޖެކްޓް ދިނީ ސަރުކާރުން ގާތް މެންބަރުންނާއި ޕާޓީ މީހުންނަށް އެތައް ސަތޭކާ ޕްރޮޖެކްޓް ބަހާލިއިރުއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0