މާލޭގައި ރެޖިސްޓްރީވިތާ އަހަރެއްވުމުން ގޯތި ލިބޭ ގޮތަށް ހަދައިފި
މާލޭ ގެއެއްގައި ރެޖިސްޓްރީވިތާ އަހަރެއް ވިޔަސް، ގޯއްޗާއި ފްލެޓު ލިބޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.
މިދިޔަ އޮގަސްޓު މަހު އާންމުކުރި އުސޫލުގައިވާ ގޮތުން ގްރޭޓާ މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދެވޭނީ މާލޭގައި ރެޖިސްޓްރީވިތާ ފަސް އަހަރުވެފައިވާނަމަ ކަމުގައި ބަޔާން ކޮށްފައިވެއެވެ.
ނަމަވެސް އެ އުސޫލު ބަދަލުކޮށް ރޭ ދަންވަރު ނެރުނު އާ އުސޫލުގައި ވަނީ އެ މުއްދަތު އެއް އަހަރަށް ކުރުކޮށްފައެެވެ. އާ އުސޫލުގައިވާ ގޮތުން އަންނަ ޖެނުއަރީ މަހުގެ 14 އަށް އަހަރެއް ވާ ނަމަ، ޝަރުތު ހަމަ ވާނެ އެވެ.
މީގެ އިތުރުން ޝަރުތުގެ ތެރޭގައި ގޯއްޗަށް އެދި ހުށަހަޅާ މީހާ އަކީ ރާއްޖޭގެ އެއްވެސް ތަނަކުން 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ލިބިފައިވާ މީހަކަށް ނުވުމާއި 400 އަކަފޫޓު އޮތް ނަމަ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން އެ ބައި ދޫކޮށްލަން އެއްބަސްވުން ހިމެނެއެވެ.
އުސޫލުގައިވާ ގޮތުން މާލޭ މީހުންނަށް ހުޅުމާލެ, ގުޅިވަރު އަދި ގިރާވަޅު ފަޅުގެ އިތުރުން ރަސްމާލެއިން ވެސް ގޯތި ދޫކުރާނެއެވެ. އެހެންނަމަވެސް, ރަށްރަށުގެ މީހުންނަށް ގޯއްޗާއި ފްލެޓު ދޭން ނިންމާފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ.






ރިއެކްޓް