ކުޅިވަރު

ކިރްގިސްތާން އަތުން ބަލިވެ ރާއްޖެއަށް މިފަހަރުވެސް ރިހި މެޑަލް

26 ޑިސެންބަރު 2025 - 15:47
ކިރްގިސްތާން އަތުން ބަލިވެ ރާއްޖެއަށް މިފަހަރުވެސް ރިހި މެޑަލް

މާލޭގައި ކުރިއަށްދިޔަ ވިމެންސް ކާވާ ކަޕް 2025 ގެ ފައިނަލުގައި ކިރްގިސްތާނުން ރާއްޖެ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 

ސޯޝަލް ސެންޓަރު އިންޑޯ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު ކިރްގިސްތާނުން ކާމިޔާބު ކުރީ ރާއްޖެ ފުރަތަމަ ސެޓުން މޮޅުވެފައި ވަނިކޮށް ފަހަތުންއަރާ ތިން ސެޓުން މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ސެޓުން ރާއްޖެ ކާމިޔާބު ކުރީ 20-25 އިންނެވެ. އަނެއް ތިން ސެޓު ކިރްގިސްތާނުން ކާމިޔާބު ކުރީ 25-22، 25-17، 25-21 އިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ސެޓު ރާއްޖެ މޮޅަށް ކުޅުނު. ނަމަވެސް އަނެއް ތިން ސެޓުގައި ރާއްޖެއަށް ހެދުނު ގޯސްތަކުގެ ފައިދާ ކިރްގިސްތާނުން ވަރަށް ރަނގަޅަށް ނެގި އެވެ. އެ ތިން ސެޓުގައި ރާއްޖެއަށް އެދެވޭ ލީޑެއްވެސް ނުލިބެ އެވެ. 

މި މުބާރާތުގެ ރިހި މެޑަލާއި އެކު ރާއްޖޭގެ އަންހެން ވޮލީ ޓީމު ރަން މެޑަލަކަށް ކުރާ އިންތިޒާރުވަނީ އަނެއްކާވެސް ދިގުވެފަ އެވެ. މެޗަށް ފަހު ގައުމީ ޓީމުގެ ވައިސް ކެޕްޓަން ޖޫޒާން ޒަރީރު މީސް މީޑިއާގައި ލިޔުނު ޕޯސްޓެއްގައި ވަނީ މިއީ އަދި ނިމުމެއް ނޫން ކަމަށް ބުނެފަ އެވެ. ޖޫޒާން ބުނީ ރާއްޖެއަށް ވޮލީއިން ރަން މެޑަލެއް ހޯދައިދިނުމަކީ އޭނާގެ ހުވަފެނެއްކަމަށާއި، މި ހުވަފެން ހަގީގަތަކަށް ނަހަދާ ހުއްޓާނުލާނެ ކަމަށެވެ. ސަޕޯޓަރުންގެ ކިބައިން މާފަށް އެދެމުން ޖޫޒާން ބުނީ ކޯޓު މަތީގައި ހުރިހާ ކުޅުންތެރިންގެ 'ބެސްޓް' ދެއްކި ކަމަށެވެ.

މި މުބާރާތުގެ ޑްރީމް ޓީމުގައި ރާއްޖޭގެ ހަތަރު ކުޅުންތެރިން ހިމެނެއެވެ. އެއީ ކެޕްޓަން ހައްވާ ރާޝިދާ (ހައްވު)، ވައިސް ކެޕްޓަން ޖޫޒާން ޒަރީރު، އާމިނަތު ޝަހާ ޝާމިން އަދި ނަރީމާ އިދުރީސެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0