ޚަބަރު

އެމްޑީޕީގެ ކުރިމަގަށް ނަޝީދާއި ސޯލިހު އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

24 ޑިސެންބަރު 2025 - 12:56
އެމްޑީޕީގެ ކުރިމަގަށް ނަޝީދާއި ސޯލިހު އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

މި ސަރުކާރު ޖަވާބުދާރީކުރުވާއި އެމްޑީޕީގެ ކުރިމަގަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އެކުގައި މަސައްކަތް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބަސްވެއްޖެއެވެ. 

އެކުވާން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ޕާޓީ ހަރުދަނާ ކޮށް މިހާރަށް ވުރެ ލީޑަޝިޕް ވަރުގަދަކޮށް، ދެ ބޭފުޅުން އެކުގައި މަސައްކަތް މެމްބަޝިޕް އިތުރުކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. 

ސަރުކާރު ޖަވާބުދާރީކުރުވުމަށް އިތުރަށް މަސައްކަތް ކުރެވޭނެ މީހުން އެބަ ތިބި ކަމަށާއި އޭގެ ތެރޭގައި ކުރީގައި ރައީސް ކަން ކުރެއްވި ބައެއް ބޭފުޅުންނާއެކު މަސައްކަތް ކުރެވޭނެ ކަމުގެ ސިގްނަލް ސޯލިހު ދެއްވިއެވެ. 

ނަޝީދު ވިދާޅުވީ އެހެން ޕާޓީތަކާ ބަލާއިރު އެމްޑީޕީއަކީ މުއައްސަސާއެއްގެ ގޮތުގައި އަބަދުވެސް ހިނގާ ވަރަށް ޑިމޮކްރެޓިކް ޕާޓީއެއް ކަމަށެވެ. ދެ މީހުންނަކީ އޭގެ މިސާލެއް ކަމަށާއި ދުރުވުމަށް ފަހު އެކު މަސައްކަތް ކަން ކުރަން އެނގޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ރައީސް ސޯލިހަކީ އަޅުގަނޑަކަށްއެއްވެސް އިރެއްގައި ދުރު ބޭފުޅެއް ނޫން. ދެން އަޅުގަނޑުމެން ކުޑަކޮށް ދެބަސްވެފައި ބައެއް ފަހަރު ތިބިއެއް ކަމަކު، އަޅުގަނޑުގެ ހިތެއް ނުބުނޭ އަޅުގަނޑުމެންނަކަށް މާ ގިނަ ދުވަސްތަކެއް ތިބެވޭނެޔޭ އެހެން. މާ ބޮޑު ދެބަސްވުންތަކެއްގެ ތެރެއަކު،" ނަޝީދު ވިދާޅުވިއެވެ. 

އެކަމަށް ބާރު ދެއްވައި ރައީސް ސޯލިހު ވެސް ވިދާޅުވީ މި ގުޅުމަކީ އިއްޔެއަކު ފެށުނު ގުޅުމެއް ނޫން ކަމަށާާއި އަބަދުވެސް ހިޔާލުތަފާތުވުންތައް ހުންނަ ކަމަށެވެ. 

"އޭގެ ތެރޭގައި އަޅުގަނޑުމެންނަށް އެކުގައި ކުރިއަށް ދެވޭނެ ގޮތް ހޯދަން އަބަދުވެސް، ހޯދައިގެން މިހާ ހިސާބަށް މި އާދެވުނީ،" ސޯލިހު ވިދާޅުވިއެވެ. 

ސޯލިހު ވިދާޅުވީ އެމްޑީޕީ ދެމި އޮތީ ޑިމޮކްރެޓިކް ހަމަތައް ދަމަހައްޓައި އެކަކު އަނެކަކަށް ފުރުސަތު ދޭ ޕާޓީއެއްގެ ގޮތުގައި އޮތުމުން ކަމަށެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0