ޚަބަރު

މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ ސުތުރާތައް ނަގަނީ

24 ޑިސެންބަރު 2025 - 11:01
މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ ސުތުރާތައް ނަގަނީ

ނަމާދުކުރަން ހުންނަ މީހާގެ ކުރިމަތިން މީހުން ހުރަސްކުރުން ހުއްޓުވުމަށްޓަކައި ހާއްސަކޮށް ތައްޔާރުކޮށްފައިވާ ސުތުރާތައް މިސްކިތްތަކުން ނެގުމަށް ސިޓީކައުންސިލަށް އަންގަވާނެ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީގެ ވަޓްސްއެޕް މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ޝަހީމު ވިދާޅުވީ މިފަހަކަށް އައިސް ނަމާދު ކުރާއިރު ކުރިމަތީގައި ބެހެެއްޓުމަށްޓަކައި ސުތުރާގެ ނަމުގައި އެކި ސިފަ ސިފައިގެ ތަކެތި ހަދައިގެން މިސްކިތްތަކުގެ ތެރޭގައި ބަހައްޓައިގެން އުޅޭ ކަމަށާއި މިގޮތައް މިސްކިތްތަކުގެ ތެރެއަށް ވައްދައިގެން އުޅޭ ސާމާނުތައް މިސްކިތްތަކުން ނަގައިދިނުމަށް ސިޓީކައުންސިލުގައި އެދޭނެ ކަމަށެވެ.

އަދި މިއީ ރަސޫލާގެ ޙަޔާތްޕުޅުގައި ވެސް އަޞްޙާބު ބޭކަލުންގެ ޙަޔާތްޕުޅުގައި ވެސް އަދި ހެޔޮކަންބޮޑުވެގެންވާ ތިން ޤަރުނުގައި ވެސް މިކަން ކޮށްފައިވާ ގޮތެއްނޫން ކަމަށާއި ރަސޫލާގެ ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާއި ޚިލާފު މިފަދަ ކަންކަން ފެތުރިގެން ދިއުމަކީ ރަނގަޅު ގޮތެއްނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިސްކިތްތަކުގައި މިފަދަ ސުތުރާތައް ބެހެއްޓުމުގެ ބަދަލުގައި ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް ތަނބެއް ނުވަތަ ފާރެއް ނުވަތަ އެނޫންވެސް އާންމު ބޭނުމަކަށް ހުންނަ އެއްޗެއް ސުތުރާގެ ގޮތުގައި ބޭނުންކުރުން ރަނގަޅުވާނެ ކަމަށާއި މިގޮތުން ޢަމަލުކުރުމުން ސީދާ ސުންނަތާ އެއްގޮތައް މިކަން ބަދަލުވެގެންދާނެ ކަމަށް ފެންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވާއިރު އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖީލިހުންވެސް ވަނީ "ޚާއްސަ ސުތުރާ" ތަކެއް މިސްކިތްތަކުގައި ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ނިންމައި ފަތުވާއެއް ނެރެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0