އަޅުގަނޑުގެ ދަރިއަކާ އެހެން މީހެއްގެ ދަރިއަކާ ތަފާތެއް ނުކުރާނެ: ރައީސް
އަމިއްލަ ދަރިކަލުންނެކޭ އެހެން މީހެއްގެ ދަރިއެކޭ އެެއްވެސް ތަފާތެއް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އުމުރުން 13 އަހަރުގެ އަންހެން ދަރިފުޅުގެ ފޮޓޯ ޖަހައި، އެ ކުއްޖާ ވިއްކަން ގޮވައި ހަޑިހުތުރު ބަހުން ވާހަކަ ދެއްކި މައްސަލާގައި އެ ކުއްޖާގެ މަންމަ ދެއްކި ވާހަކައާ ގުޅިގެންނެވެ.
އެ ކުއްޖާގެ މަންމަ ވަނީ ހުޅުމާލެ ބައްދަލުވުމަށް ހާޒިރުވެ، އެ މައްސަލައިގައި އިންސާފު ނުލިބިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެކަން ކުރި މީހާ އެތައް ސަތޭކަ ބައެއްގެ ކުރިމަތީގައި އެ ކަން ކުރިއިރު، އެތައް ސަތޭކަ ބަޔަކު އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރިއިރު ވެސް ފިޔަވަޅެއް އެޅިފައިނުވާ ކަމަށް ބުނެފައިވެއެވެ.
ކުއްޖާގެ މަންމަ ވަނީ އެ މައްސަލާގައި އެ ކަން ކުރި މީހާ ހައްޔަރުކުރުމަށްފަހު ދޫކޮށްލީ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ރައީސްގެ ދަރިކަލުންގެ ކަރާމަތަށް އަރައިގަތް މައްސަލަ ވަރަށް އަވަހަށް ނިންމިއިރު މި މައްސަލަ ނުނިންމެނީ ކީއްވެތޯ ސުވާލު ކޮށްފައިވެއެވެ.
އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ކުޑަކުދިންނަށް އެކި ގޮތްގޮތުން ލިބޭ އަނިޔާ އަދި ފުރައްސާރައިގެ މައްސަލައަކީ އަޅުގަނޑު ވަރަށް އިސްކަމެއްދޭ ކަންކަން ކަމަށާއި އެއްވެސް ކުއްޖަކު ތަފާތެއް ނުކުރާނެ ކަމަށެވެ.
އެ މައްސަލަ މިހާރު އޮތީ ކޯޓުގައި ކަމަށާއި ފުރަތަމަ އަޑުއެހުން ވެސް ބާއްވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލާގައި ސަރުކާރުގެ އިހުމާލު އޮތް ކަމަށް ނުބުނެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ކުއްޖެކޭ އެހެން މީހެއްގެ ކުއްޖެކޭ އަޅުގަނޑު މިކަމުގައި ތަފާތެއް ނުކުރާނަން. އަޅުގަނޑުގެ އަންހެނުން ވެސް ތަފާތެއް ނުކުރާނެ. މިގޮތަށް ކަންކަން އޮންނަ ގޮތް އިމޯޝަނަލީ ވިޔަސް ނޭނގި އޮވިއްޖެއްޔާ އެ ވިދާޅުވާ ކަމަކާ ގުޅިގެން އޮޅުން އަރާފާނެތީ މި ދަންނަވާލީ," މުއިއްޒު ވިދާޅުވިއެވެ.






ރިއެކްޓް