ޚަބަރު

ފަތުވާ މަޖިލީހުގެ ނިންމުންތައް ވަލިއްޔުލްއަމުރު ތަންފީޒު ކުރަންޖެހޭނެ: ޝެއިޚް އަބްދުالله

17 ޑިސެންބަރު 2025 - 16:39
ފަތުވާ މަޖިލީހުގެ ނިންމުންތައް ވަލިއްޔުލްއަމުރު ތަންފީޒު ކުރަންޖެހޭނެ: ޝެއިޚް އަބްދުالله

ދިވެހިރާއްޖޭގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރޭ ފަތުވާތައް ރާއްޖޭގެ ވަލިއްޔުލްއަމުރު ޑރ. މުޙައްމަދު މުޢިއްޒު ތަންފީޒު ކުރަންޖެހޭނެ ކަމަށް ޖަމިއްޔަތުއްސަލަފުގެ ރައީސް ޝައިޚް އަބްދުالله ޖަނާބް ވިދާޅުވެއްޖެއެވެ.

ދިރޭތަކެތީގެ ސިފައިގައި މޮނިއުމެންޓް ހެދުމާއި އާއްމު ތަންތަނުގައި ބެހެއްޓުމަކީ ޝަރީޢަތުގައި ޙަރާމް ކަމެއްކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ފަތުވާއެއް ނެރުނީ އިއްޔެއެވެ.

މިފަތުވާއާއި ގުޅިގެން ދެން ކަންކަން ކުރާންޖެހޭނެ ގޮތަކާއިމެދު "ވިރާސީ" އިން ސުވާލުކުރުމުން ޝެއިޚް އަބްދުالله ވިދާޅުވީ ފަތުވާއެއް ނެރުމުން އެ ފަތުވާގައި ހިމެނޭ ކަންކަން ތަންފީޒުކުރަން ޖެހޭނީ އެގައުމެއްގެ ވަލިއްޔުލްއަމުރުގެ އަމުރަށް ކަމަށެވެ.

ޝެއިޚް ވިދާޅުވީ މޮނިއުމެންޓްތަކަކީ "ބުދު" ތަކަށް ވިޔަސް އާއްމުން އެތަކެއްޗަށް ގެއްލުންދީ ހަލާކުކޮށްލުން އެއީ އޮންނަ ގޮތް ނޫންކަމަށާއި އެކަން ކުރަން ޖެހޭނީ ވަލިއްޔުލްއަމުރުގެ އަމުރަށް ކަމާއިބެހޭ އިދާރާތަކުގެ ބެލުމުގެ ދަށުންނެވެ.

މިކަމާއި ގުޅޭ ގޮތުން ފަތުވާ ކޮމިޓީގެ މެންބަރު ޑރ. އިލްޔާސް ހުސައިން ވެސް ވަނީ މިފަދަ މޭރުމަކުން "ވިރާސީ" އަށް ޖަވާބުދެއްވާފައެވެ. އިލްޔާސް ވިދާޅުވީ ފަތުވާތައް ތަންފީޒުކުރަން ޖެހޭނީ ތަންފީޒީ އިދާރާތަކުންނެވެ.

އިއްޔެ ނެރުނު ފަތުވާގައި ދިރޭތަކެތީގެ ސޫރަ ދައްކުވައިދޭ މޮނިއުމަންޓް ބެހެއްޓުމަކީ ހަރާމް ކަމެއް ކަމަށް ބުނެފައިވީ ނަމަވެސް މި ފަތުވާއަށް އަމަލުކުރުމަށް ބައެއް ކައުންސިލްތަކުން ވަނީ ދެކޮޅުކަން ހާމަކޮށްފައެވެ. އެގޮތުން ކ. ހުރާގައި ބަހައްޓާފައި ހުރި "މާކަނާއެއް" ދައްކުވައިދޭ މޮނިއުމަންޓް ފަތުވާގައި ބުނާ "ބުދަކަށް" ވިޔަސް އެ ނެގުމަށް ނުވިސްނާކަމަށް އެކައުންސިލުން "ވިރާސީ" އަށް މަޢުލޫމާތު ދެމުން ވަނީ ބުނެފައެވެ

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރުގެ ބަހެއް ހޯދާލުމަށް އެތައް ފަހަރަކު ގުޅައި މެސެޖު ކުރުމުންވެސް ޖަވާބެއް ނުދެއްވައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0