ކޮލަމް

ގަހާ އެކު ޕްލޭންކުރުން – ކުޅުދުއްފުށިން ދެއްކި ނަމޫނާ

14 ޑިސެންބަރު 2025 - 10:08
ގަހާ އެކު ޕްލޭންކުރުން – ކުޅުދުއްފުށިން ދެއްކި ނަމޫނާ
ކުޅުދުއްފުށީ ހޮނިހިރު ބާޒާރު - ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ދިވެހި ރާއްޖޭގައި ހެދިފައިވާ ދުވަސްވީ ބޮޑެތި ގަސްތައް ތަރައްގީގެ ޕްލޭންތައް ހެދުމުގެތެރެއިން ކަނޑަމުން ދިޔުމަކީ ހުއްޓުވަން ޖެހިފައިވާ ކަމެކެވެ. ސަރުކާރާއި ކައުންސިލްތަކުން ތަރައްގީގެ މަޝްރޫއުތައް ރާވާއިރު، އެންމެ ފުރަތަމަ ކަމަކަށް ވެފައި އޮންނަނީ މަޝްރޫއު ހިންގާ ސަރަހައްދުގައިވާ ރުއްގަސް ކަނޑައި މުޅިތަން ސާފުކުރުމެވެ. ރުއްގަހަކީ ޕްލޭންކުރުމުގެ ބަޔަކަށް ނުވެއެވެ. ރުއްގަހަކީ ތަރައްގީގެ ބައެއް ކަމަށް ދެކި، ރުއްގަހާ އެކު ތަރައްގީގެ މަޝްރޫއުތައް ރޭވުމަކީ އަމުދުން ނެތް ކަމެކެވެ.

ތަރައްގީގެ މަޝްރޫއެއް ހިންގާ ސަރަހައްދުގައިވާ ހުރިހާ ރުކެއް، ގަހެއް ކަނޑައެވެ. އަލަށް ގޯތި ދޭ ސަރަހައްދެއް ނަމަ މުޅި ވާ ސާފުކުރެއެވެ. އެއަށް ފަހު އިމާރާތް އަޅައެވެ. ނުވަތަ ގޯތިދެއެވެ. ކޮންކުރީޓްގެ މަސައްކަތްފަށައެވެ. އަލަށް އާބާދުވާ ސަރަހައްދުތައް ފެހިކުރަން ގިނަ ރަށްރަށުގައި އެއްވެސް ސަމާލުކަމެއް ނުދެވެއެވެ. ހަމަ އެކަނި ގަސް އިންދުމުގެ ނަމުގައި ވިނަކޮޅެއް، ބަގީޗާ ގަހެއް ޖަހާފާނެއެވެ. ރަށެއްގެ ދުވަސްވީ ގަސްތަކާއި ފެހިކަން ޕްލޭންކުރުމުގެ ތެރެއިން ދަނީއެވެ. އަލަށް ގޯތިދޭ ސަރަހައްދެއްގައިވާ ދުވަސްވީ މުހިންމު ގަސްތައް ބަހައްޓާފައި ގޯތި ދެވޭނެއެވެ. ނުވަތަ އެއީ ޕާކުތަކުގެ ގޮތުގައި ހެދޭނެއެވެ.

IMG_5245 2.jpg
ކުޅުދުއްފުށީ ހޮނިހިރު ބާޒާރު - ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ސަރަހައްދަކީ ކުޅުދުއްފުއްޓާއި އުތުރުގެ ވިޔަފާރީގެ ސަގާފީ ސަރަހައްދެކެވެ. ފެހި ގަސްތަކުގެ ދޮށުގައި އުތުރުގެ އެކި ރަށްރަށުގެ މީހުން އެ ރަށްރަށުން ގެންނަ އެ ރަށްރަށުގައި ހައްދާ، އުފައްދާ ބާވަތްތައް ވިއްކައެވެ. ހޮނިހިރު ބާޒާރުގެ އެންމެ ހިތްގައިމު އެއް ސިފަ އަކީ ގަސްތަކެވެ. ގަސްތައް ދޮށުގައި ވިޔަފަރި ކުރާ މަންޒަރެވެ. މާލޭ ލޯކަލް މާރުކޭޓް ސަރަހައްދުގައިވެސް ކުރިން ބޮޑެތި ހާއްސަ ގަސްތައް ހުއްޓެވެ. މާލޭ ލޯކަލް މާރުކޭޓްގެ އެއް އައިޑެންޑިޓީއަކަށް ވެފައި އޮތީ އެ ގަސްތަކެވެ. ގަސްދައް ދޮށުގައި ރާއްޖޭގައި ހައްދާ، އުފައްދާ ބާވަތްތައްއަތުރާފަ އޮންނަ ތަން ޓޫރިސްޓުންގެ ހަނދާންތަކުގެ ގޮތުގައި ރައްކާކުރިއެވެ. ރާއްޖެއާ ގުޅޭ ޓްރެލަވް ފޮތްތަކަށް އެ މަންޒަރުތައް އެރިއެވެ. ނަމަވެސް، މާލޭ ލޯކަލް މާރުކޭޓް އަލަށް ތަރައްގީކުރުމުގައި ޕްލޭނުގެ ބަޔަކަށް ގަސްތައް ނުވިއެވެ. އެ ގަސްތައް މިހާރު ނެތެވެ.

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ސަރަހައްދު އެ ސަރަހައްދުގައިވާ ދުވަސްވީ ގަސްތަކާ އެކު ތަރައްގީކުރުމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން މާލެއާ ރާއްޖޭގެ ހުރިހާ ރަށަކަށް ދެއްކި ނަމޫނާއެކެވެ. ގަހާ އެކު ޕްލޭން ކުރުން ނެތް ގައުމެއްގައި، ގަހަކީ ޕްލޭންކުރުމުގެ، ތަރައްގީގެ މަޝްރޫއުތަކުގެ ބައެއްކަން ކުޅުދުއްފުށިން ވަނީ ބުނެދީފައެވެ. ގަސްތަކާ އެކު ހޮނިހިރު ބާޒާރު ސަރަހައްދު ތަރައްގީކުރުމުން، ހޮނިހިރު ބާޒާރަށް ލިބުނު ސަމާލުކަން ވަނީ އިތުރުވެފައެވެ. ހޮނިހިރު ބާޒާރުގެ ސަގާފީ އައިޑެންޓިޓީ ވަނީ ދެމެހެއްޓިފައެވެ. ކުޅުދުއްފުއްޓަށް ޒިޔާރަތްކުރާ ދިވެހީންނާއި ފަތުރުވެރިން އެ ވާހަކަ ދައްކާނެއެވެ. ގަހާ އެކު ޕްލޭން ކުރުމުން ރަށަށް ލިބުނީ އިތުރު މަގުބޫލުކަމެކެވެ.

 

ރިއެކްޓް

ރަނގަޅު ރަނގަޅު 3
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 1
މަޖާ މަޖާ 0