ކުޅިވަރު

ރާއްޖޭގެ އަންހެން ކެރަމް ޓީމް ރިހި މެޑައްޔާއި އެކު އެކު ވޯލްޑް ކަޕް ނިންމާލައިފި

7 ޑިސެންބަރު 2025 - 13:15
ރާއްޖޭގެ އަންހެން ކެރަމް ޓީމް ރިހި މެޑައްޔާއި އެކު އެކު ވޯލްޑް ކަޕް ނިންމާލައިފި
ފޮޓޯ: ކެރަމް ވޯލްޑް ކަޕް

ރާއްޖޭގައި މި މަހު 2 އިން ފެށިގެން ކުރިއަށްދިޔަ ހަތްވަނަ ކެރަމް ވޯލްޑް ކަޕް ނިންމާލައިފި އެވެ. މި މުބާރާތުގެ ޓީމު އިވެންޓްގެ ފައިނަލުން ރާއްޖޭގެ އަންހެން ކެރަމް ޓީމަށް ވަނީ ރިހި މެޑަލް ލިބިފަ އެވެ. 

މިއީ ކެރަމް ވޯލްޑް ކަޕްގެ ތާރީހުގައި ޓީމް އިވެންޓްގައި ރާއްޖޭގެ ޓީމެއް ފައިނަލަށް ދަތުރުކޮށް، އެ މުބާރާތުގެ ދެވަނަ މަގާމު ހާސިލްކުރި ފުރަތަމަ ފަހަރެވެ. 

ދުނިޔޭގެ 17 ގައުމަކުން 150 އަށް ވުރެން ގިނަ ކުޅުންތެރިން ވާދަކޮށްފައިވާ މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު ވަނީ މުބާރާތުގެ ޓީމު އިވެންޓްގެ ފައިނަލުގައި ފޯރިގަދަ މެޗެއް ކުޅެފަ އެވެ. މި މެޗުގައި ރާއްޖޭގެ އައިޝަތު ނަހުފާ އާއި ފާތިމަތު ރަޔާނާގެ ޕެއާ ވާދަކުރީ އިންޑިއާގެ މިތްރާ އާއި ކާޖަލް ކުމާރީގެ ވަރުގަދަ ޕެއާއާ އެވެ. ފަހު ވަގުތާ ޖެހެންދެން ވާދަވެރިކަން ދެމިގެންދިޔަ މި މެޗުން އިންޑިއާގެ ޕެއާ ވަނީ 2-1 ސެޓުން ރާއްޖޭގެ ޓީމުގެ މައްޗަށް ކުރި ހޯދާފަ އެވެ.

މި މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމުން ވެސް ވަނީ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކާފަ އެވެ. ޓީމު އިވެންޓްގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށް، ކުރިއަށް ދިޔުމުގެ ފުރުސަތު ހޯދި އެވެ. ނަމަވެސް، ތިންވަނަ ހޮވާ މެޗުގައި ވާދަވެރި ލަންކާ އަތުން ބަލިވެ، މެޑަލަކާއި ހަމައަށް ދެވޭގޮތް ނުވި އެވެ.

ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރިންނެވެ. އެއީ، 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގަ އެވެ.

މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑަލް ހާސިލްކޮށްފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0