ޚަބަރު

މަރުގެ އަދަބު އިއްވާފައި ތިބި 20 ގައިދީން ޖަލުގައި

7 ޑިސެންބަރު 2025 - 10:11
މަރުގެ އަދަބު އިއްވާފައި ތިބި 20 ގައިދީން ޖަލުގައި
ފޮޓޯ: ކަރެކްޝަންސް

މަރުގެ އަދަބު އިއްވާފައިވާ 20 ގައިދީއަކު ޖަލުގައި ތިބި ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުން ދައްކައިފިއެވެ. 

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން "ވިރާސީ"އިން އެދުނު މައުލޫމާތު ފޯރުކޮށްދެމުން ކަރެކްޝަންސް މޯލްޑިވްސް އިން ބުނި ގޮތުގައި ރާއްޖޭގެ ތިން ޖަލެއްގައި މިވަގުތު ޖުމްލަ 1229 މީހަކު އެބަ ތިއްބެވެ. އޭގެ ތެރޭގައި އުމުރަށް ބަންދު ކޮށްފައިވާ 201 ގައިދީއެއް ހިމެނެއެވެ. 

ކަރެކްޝަންސް އިން ބުނި ގޮތުގައި މަރުގެ އަދަބު އިއްވައި މެރުމަށް ހުކުމް ކޮށްފައިވާ 20 ގައިދީއަކު ޖަލުގައި މިވަގުތު އެބަ ތިއްބެވެ. 

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމި، ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދެމެހެއްޓުމުންނެވެ. މިހާތަނަށް އެ ހުކުމް ދަމަހައްޓާފައިވާ ތިން މީހަކު ވެސް ޖަލުގައި އެބަތިއްބެވެ. 

ހުރިހާ މަރުހަލާއެއް ނިމި ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދެމެހެއްޓިނަމަވެސް, މިހާތަނަށް ވެސް އެ ހުކުމް ތަންފީޒުކުރަން ފެށިފައިނުވެއެވެ. މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް ވެރިކަމުގެ ކުރީކޮޅު ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވިނަމަވެސް, އެ ކަމުގެ އަމަލީ ސިފަ ޖެހިފައިނުވެއެވެ.

މަރުގެ ހުކުމް މިހާތަނަށް ވެސް ތަންފީޒު ނުުކުރެވޭއިރު, ސަރުކާރުން ވަނީ ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0