ދަރިވަރުންގެ ޔުނީފޯމް ބަދަލުކުރުމަކީ ޚަރަދުބޮޑު ބޭކާރު ކަމެއް: ރައީސް ނަޝީދު
ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންގެ ޔުނީފޯމު ބަދަލުކުރުމަކީ ޚަރަދު ބޮޑު ބޭކާރުކަމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ބެލެނިވެރިންގެ އަތުން 80 މިލިއަން ރުފިޔާ ފޮތިފިހާރަ ތަކަށް ދިނުމަށް ގެނައި މި ބަދަލަކީ ޚަރަދު ބޮޑު ބޭކާރު ކަމެއް ކަމަށެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންގެ ޔުނީފޯމު ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަށް ފާޑު ވިދާޅުވަމުން ނަޝީދު ވިދާޅުވީ އަލަށް ގެނައި ބަދަލުގައި ހުރި ޔުނީފޯމަށް މަދުވެގެން 900ރ ޙަރަދުވާނެ ކަމަށެވެ. އަދި ރާއްޖޭގައި 90،000 އަށް ވުރެ ގިނަ ކިޔަވާކުދިން އެބަތިބިކަމަށް ވިދާޅުވެ ނަޝީދު ވަނީ ބެލެނިވެރިންގެ އަތުން އެހާބޮޑު އަދަދެއް ޚަރަދުވާނެ ގޮތަށް ގެނައި ބަދަލަކީ ދެކޮޅުޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.
"ޔުނީފޯމް ބަދަލުކުރުމަކީ ޚަރަދު ބޮޑު ބޭކާރު ކަމެއް. މިހާރުވެސް ދަރިވަރުން އެ ތިބެނީ އެކަށީގެންވާ ވަރަށް ނިވާވެގެން" ނަޝީދުގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ޝާއިއުކުރި އައު ގަވާއިދުގައި ބުނާގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޔުނީފޯމު ހުންނާނީ އެއް ޑިޒައިނަކަށެވެ. އަދި ޔުނީފޯމުގައި ބޭނުންކުރެވޭނީ ހަމައެކަނި މިނިސްޓްރީން ކަނޑައަޅާފައިވާ 4 ކުލައެކެވެ. އަދި މީގެ އިތުރުން ގްރޭޑް 4 އިން ފެށިގެން މަތީގެ ހުރިހާ އަންހެންް ދަރިވަރުން ސްކާޓުގެ ތިރިން ހަރުވާޅު ލުމަށްވެސް މި ގަވާއިދުގައި ވަނީ މަޖުބޫރުކޮށްފައެވެ.






ރިއެކްޓް