އަދުލުގެ ނިޒާމު މިނިވަން ނުކޮށް މަރުގެ ހުކުމް އިއްވަން ހެޔޮނުވާނެ
ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމު މިނިވަން ނުކޮށް މަރުގެ ހުކުމް އިއްވަން ހެޔޮނުވާނެ ކަމުގައި ރައީސް ޔާމީންގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރ އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.
ޒިޔާދު މިފަދައިން ވިދާޅުވީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ޒިޔާދު މިފަދައިން ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މިފަހުން ޤާނޫނަށް ގެނެވުނު އިސްލާހާއި ގުޅުވައިގެން ކަމަށް ބެލެވެއެވެ.
ޒިޔާދުގެ ޕޯސްޓުގައި ރާއްޖޭގެ ޝަރުޢީ ނިޒާމު އޮތް ގޮތް ތިލަކޮށް ކިޔައިދެއްވަމުން ވިދާޅުވީ ރާއްޖޭގެ ޝަރުޢީ ނިޒާމު އޮތް ގޮތުން ކުށެއް ނެތް މީހެއްގެ މައްޗަށް ތުހުމަތެއް ސާބިތުކޮށް މަރަން ހުކުމް ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫންކަމަށާއި ފަސޭހަ ކަމެއް ކަމަށެވެ.
އަދި އެއްވެސް ފަރާތަކަށް ފަނޑިޔާރުންގެ މައްޗަށް ނުފޫޒު ފޯރުވޭ ގޮތަށް އޮތުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށްވެސް ޒިޔާދުގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.
މިފަހުން މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ގެނެވުނު އިސްލާހަށްވެސް ޒިޔާދު ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިސްލާމްދީނުގައި ހުރިހާ މަސްތުވާ އެއްޗެއް ހަމަހަމަ ކަމަށާއި އެތަކެތި ގަނެވިއްކ މީހުންނަށް ދެވޭ އަދަބުގެ މިންވަރު ކަނޑައެޅުން ފަނޑިޔާރުންގެ އަތްމައްޗަށް ދޫކޮށްލާފައިވާއިރު, ޤާނޫނުން ބައެއް މަސްތުވާތަކެތި އެކަހެރިކުރުން ޒިޔާދު ކުށްވެރި ކުރެއްވިއެވެ. ބެލެވޭ ގޮތުގައި ޒިޔާދު އެ ވިދާޅުވީ ބަނގުރާގެ ވާހަކައެވެ.






ރިއެކްޓް