ޝަމްއާނުގެ ގެއަށް ކޮތަޅުގައި ގެންދިޔައީ ފައިސާކަން ޔަގީނެއް ނޫން
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދުގެ ގެއަށް އިމިގްރޭޝަނުގެ އޮފިސަރު ލައްސާން ގެންދިޔައީ ފައިސާކަން ޔަގީން ނުވާކަމަށް ފުލުހުން ކޯޓުގައި ބުނެފިއެވެ.
މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދި ކަމުގެ ތުހުމަތުގައި ހައްޔރުކުރެވި ބަންދު ކުރެވިފައިވާ ޝަމްޢާންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ހެކިބަސްދެމުން ފުލުހުންގެ ފަރާތުން ބުނީ ޝަމްއާންގެ ގެއަށް ލައްސާން ގެންދިޔައީ ފައިސާކަން އެނގޭނެ ވީޑިއޯ ފޫޓެޖެއް ނެތް ކަމަށެވެ. އަދި ވީޑިއޯ އިން އެ ގެއަށް ގެންދާތަން ފެންނަ ކޮތަޅާއި ގެއިން ނުކުތް ގަޑީގައި އަތުގައި އޮތް ކޮތަޅަކީ އެއް ކޮތަޅެއް ކަން ޔަގީންކުރުމަށް ކުރަންޖެހޭ ތަހުލީލުތައް ފުލުހުން ކޮށްފައި ނުވާނެކަމަށް ފުލުހުންގެ ވީޑިއޯ އެނަލިސްޓު ހެކިބަސްދެމުން ބުންޏެވެ.
ޝަމްޢާންގެ މައްޗަށް ދައުލަތުން ހުށަހަޅާ އެންމެ މުހިއްމު އެއް ހެއްކަކީ ގެއިން ފެނުނު ފައިސާއާއި ލައްސާން އެ ގެއަށް ކޮތަޅު ގެންދާ ވީޑިއޯ އެވެ. މި މައްސަލާގައި ޝަމްޢާން އާއި ދެކޮޅަށް ހެކި ދިނުމަށް އެއްބަސްވެ ލައްސާން ވަނީ ދައުލަތާއި އެކު އިއުތިރާފު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ޝަރީޢަތް ނިމެންދެން ބަންދު ކޮށްފައިވާ ޝަމްޢާން ހައްޔަރުކުރުމާއި ބަންދު ކުރުމުގައި މިނިސްޓަރު އިހުސާނުގެ ނުފޫޒު އޮތް ކަމަށް ޝަމްއަނުގެ އާއިލާއިން ވަނީ ތުހުމަތު ކޮށްފައެވެ. މި ތުހުމަތަށް ބާރުދޭ ވާހަކަތަކެއް މިއަދުގެ އަޑުއެހުމުގައި ވަނީ ތިލަވެފައެވެ.
މިއަދުގެ އަޑުއެހުމުގައި ހެކިބަސްދިން ދައުލަތުގެ ހެކިވެރިޔަކު ވަނީ ޝަމްއާން މައްސަލާގައި ދައުލަތުން ހެކީގެ ގޮތުގައި ބޭނުންކުރާ ސީސީޓީވީ ފޫޓޭޖުތައް ފުލުހުންނަށް ދިނުމަށް އިމިގްރޭޝަންގެ އައިސީޓީ ސެކްޝަންގެ ހެޑަށް ގުޅާފައި މިނިސްޓަރު އިިހުސާނު ބުނި ކަމަށް އެ އޮފިސަރަށް އެނގިފައިވާކަމަށް ބުނެފައެވެ.
އަދި މިކަން މިގޮތަށް ހިނގިކަން އިހުސާނު ވަނީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ކަށަވަރުކޮށްދެއްވާފައެވެ.






ރިއެކްޓް