ޚަބަރު

މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށް، ގެއްލުނު ފައިސާ ހޯދައިފި

1 ޑިސެންބަރު 2025 - 11:18
މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށް، ގެއްލުނު ފައިސާ ހޯދައިފި

މަކަރާއި ހީލަތުން އެކި ފަރާތްތަކުގެ އަތުން ފައިސާ ހޯދައި، އެފައިސާތައް ވިޔަފާރި އެކައުންޓްތަކަށް ޖަމާކޮށް ނަގަމުންދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. ތުޅާދޫ / މަންޒަރުގެ، މުޙައްމަދު ޝާވިން އެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މިމީހާ ހައްޔަރުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ. މިމައްސަލަ ހުށަހެޅީ، ޑޮލަރު މާރުކުރުމަށް ވައިބަރ ގްރޫޕަކުން ފެނުނު ފަރާތަކަށް 1250 ޑޮލަރު ޓްރާންފަރކުރުމަށްފަހު އެޑޮލަރަށްވާ ރުފިޔާ ދީފައިނުވާތީއެވެ. މިކަމާ ގުޅިގެން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރގެ ރެޕިޑް ރެސްޕޯންސުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، މުޙައްމަދު ޝާވިން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން ފައިސާއާ ހަވާލުވުމަށްފަހު ދަނިކޮށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މިމައްސަލާގައި މަކަރާއި ހީލަތުން ހޯދާފައިވާ 1250 ޑޮލަރު މިހާރު ރިކަވަރކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ހައްޔަރުކުރި މީހާ ހިމެނޭ އިތުރު ދެ މައްސަލައެއްގައި ގެއްލުނު ފައިސާވެސް ރިކަވަރކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މުޙައްމަދު ޝާވިން، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މިމައްސަލަ ފުލުހުން ދަނީ މިހާރު ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0