ޚަބަރު , ސިޔާސީ

ވަގުތީ ޗެއާޕާސަން ހޮވުމުގެ މައްސަލާގައި ތުހުމަތުތައް، ވައްޑެ ދުރަށް!

1 ޑިސެންބަރު 2025 - 12:00
ވަގުތީ ޗެއާޕާސަން ހޮވުމުގެ މައްސަލާގައި ތުހުމަތުތައް، ވައްޑެ ދުރަށް!

އެމްޑީޕީއަށް ވަގުތީ ޗެއާޕާސަނެއް އައްޔަން ކުރުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާއި ޕާޓީގެ ރައީސް އަބްދުالله ޝާހިދު އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތުހުމަތުގެ އިނގިލިތައް ދިއްކުރައްވައިފިއެވެ. 

ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވި ދިއްދޫ ދާއިރާގެ މެންބަރު އަބްދުالله ވަހީދު އެ މަގާމަށް ގެންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނެގި ވޯޓުގެ ނަތީޖާއާ މެދު ސުވާލު އުފެދި އެ ބައްދަލުވުން ހޫނުވެ، ނިޒާމު ގެއްލުމުން ބައްދަލުވުން ވަނީ މެދުކަނޑާލައިފައެވެ. މައްސަލަ ހޫނުވީ ވަހީދު ހޮވުމަށް 48 ވޯޓް ބޭނުންވާއިރު, އެ ރޭ ލިބުނީ 47 ވޯޓް ކަމަށް ސެކެޓްރިއޭޓުން އިއުލާން ކުރުމާއެކުގައެވެ. 

ބައްދަލުވުމުގައި ކަން ހިނގި ގޮތް ސާފުކޮށްދެއްވައި ޗެއާޕާސަންގެ ނައިބު, އިބްރާހީމް ވަހީދު, އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދަށް ފޮނުވި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ވައްޑެ ހޮވުމަށް ނެގި ވޯޓުގައި އެކި ފަހަރު އެކި އަދަދު ރިޔާސަތަށް ގެނައި ނަމަވެސް، އޭނާއަށް ހޮވޭ މިންވަރަށް އެ ދުވަހު ވޯޓު ލިބުމެވެ. 

އެގޮތުން ފުރަތަމަ ގެނައި އަދަދަކީ 32 ކަމަށާއި ފަހުން އިތުރަށް ގުނައި ބެލިބެލުމުން 47 ވޯޓު ލިބުނު ކަމަށް އިބުރޭގެ ރިޕޯޓުގައިވެއެވެ. ރިޕޯޓުގައިވާ ގޮތުން ތަޅުން ހޫނުވެ މެދުކަނޑަލުމަށް ފަހު އަލުން ބެލި ބެލުމުން ވައްޑެއަށް 49 ވޯޓު ލިބިފައިވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ/ 

އިބުރޭގެ ރިޕޯޓުގައިވަނީ ބައްދަލުވުމުގައި ކަން ހިނގައިދިޔަ ގޮތާއެކު ބޭނުން ވަނީ ސިޔާސީ ހައްލެއް ކަމަށްވާތީ، އެކަމަށް ޕާޓީގެ ރައީސް ޝާހިދުގެ ފަރާތުން އެދިވަޑައިގެންފައެވެ. 

މި ރިޕޯޓާ ގުޅިގެން ޝާހިދު، އިބުރޭއަށް ފޮނުއްވި ސިޓީގައިވަނީ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ގޮތަކަށް އަމަލު ރިޔާސަތުން އުޅުނު ކަމުގެ ތުހުމަތު ކުރައްވައިފައެވެ. ޝާހިދު ވިދާޅުވެފައިވާ ގޮތުގައި އެ ރޭގެ ޖަލްސާ ހޫނުވެ ހަމަނުޖެހުމަކަށް ދިޔައީ ރިޔާސަތުން ދެ ފަހަރު ދެ ގޮތަށް އަމަލު ކުރެއްވުމުގެ ސަބަބުންނެވެ. 

އަނެއްކާ ވެސް ގައުމީ މަޖިލިހުގެ ޖަލްސާ ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ފުރިހަމަ ކުރުމަށް ފަހު ވަގުތީ ޗެއާޕާސަން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޝާހިދު ވަނީ އެދިވަޑައިގެންފައެވެ. 

ވައްޑެ، ވަގުތީ ޗެއާޕާސަންކަމުން ފަހަތަށް!

މި ހުރިހާ ތުހުމަތުތަކާއި އަރައިރުންތަކުގެ ތެރޭގައި، ވަގުތީ ޗެއާޕާސަން ކަމަށް އިންތިހާބުވި ކަން އިއުލާނުކޮށްފައިވާ ވައްޑޭ ވަނީ ، އެ ވޯޓުގައި ވާދަކުރެއްވި ކުރުން އަނބުރާ ގެންދަވައިފައެވެ. 

އެކަން އިއުލާނު ކުރައްވައި އޭނާ ޕާޓީގެ ރައީސަށް ފޮނުވި ސިޓީގައި ބުނީ އޭނާ އެ ކަމަށް ކުރިމަތިލެއްވީ ޕާޓީގެ އެޑްވައިޒަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައީސް ޝާހިދަށް މެސެޖު ކުރައްވައި ހިޔާލު ހޯއްދަވައި ކުރިއަށް ވަޑައިގަންނަވަން ހިތްވަރު ދެއްވައި ތާއީދުކުރައްވާނެ ކަމަށް ވިދާޅުވުމުން ކަމަށެވެ. 

އެހެންނަމަވެސް އެ ރޭ ފެނިގެން ދިޔައީ އެހެން މަންޒަރެއް ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެ ވޯޓާ ހަމައަށް ދިޔަ ވަގުތު އިބޫ އާއި ޝާހިދު އަމަލު ކުރެއްވި ގޮތާއި އަދި އޭގެ ފަހުން ކަންކަން ކުރައްވަމުން ގެންދަވާފައިވާ ގޮތުން ވަގުތީ ޗެއާޕާސަންގެ މަގާމު ފުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތި ކުރުވާނެ ކަމަށް މިހާރު ޝައްކު ނުކުރައްވާ ކަމަށެވެ. 

"ޕާޓީގެ ރައީސް އާއި އެޑްވައިޒަރުގެ އަރިހުން އަޅުގަނޑު އެދެނީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކަންކަން މި މޭރުމުން ތަކުރާރު ނުވާނޭހެން ކަންކަމުގައި އެބޭފުޅުން އަމަލު ކޮށްދެއްވުމަށެވެ" އޭނާ ވިދާޅިުވިއެވެ. 

އޭނާ ވަނީ ނަން އަނބުރާ ގެންދެވީ ޕާޓީގެ ޔުނިޓީ ހިފެހެއްޓުމަށް ކަމުގައި ވިދާޅުވެފައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0