ޚަބަރު

ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރަން ފާސްކޮށްފި

27 ނޮވެންބަރު 2025 - 14:34
ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރަން ފާސްކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އަމާޒުކޮށް، ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފި އެވެ. 

މި އިސްލާހު ފާސްކުރީ ޕީއެންސީއަށް ނިސްބަތްވާ 54 މެންބަރުންގެ އަޣުލަބިއްޔަތަކުންނެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރުންނެވެ.

މި އިސްލާހަކީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަޖިލީހަށް ހުށަހެޅުއްވި އިސްލާހެކެވެ.

ފާސްކުރެވުނު އިސްލާހުގައިވާ ގޮތުން، ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގައި އާބާދީގެ ނިސްބަތް ވަނީ ބަދަލުކޮށްފަ އެވެ. މިހާރު އޮންނަ ގާނޫނުގައި 3،000 އަށްވުރެ މަދުގެ އާބާދީތަކަށް ފަސް ކައުންސިލަރުން އަދި އެއަށް ވުރެ ގިނަ އާބާދީތަކަށް ހަތް ކައުންސިލަރުން ހޮވަމުން ދިޔަ ނަމަވެސް، އާ އިސްލާހުގެ ދަށުން މި އަދަދުތައް ވަނީ ކުޑަކޮށްފަ އެވެ.

އާބާދީ 2،000 މީހުންނަށް ވުރެ ދަށް ރަށްރަށަށް ދެން ހޮވާނީ ތިން ކައުންސިލަރުންނެވެ. އަދި 2،000 އަށް ވުރެ މަތީގެ އާބާދީގެ ރަށްތަކަށް ހޮވާނީ ފަސް ކައުންސިލަރުންނެވެ. މީގެއިތުރުން، އަންހެން ކައުންސިލަރުން ހޮވުން ލާޒިމުކޮށްފައިވާއިރު، ތިން ކައުންސިލަރުން ހޮވާ ކައުންސިލްތަކަށް އެއް އަންހެން ކައުންސިލަރެއް އަދި ފަސް ކައުންސިލަރުން ހޮވާ ކައުންސިލްތަކަށް ދެ އަންހެން ކައުންސިލަރުން ހޮވުން ލާޒިމުކުރެ އެވެ.

ރަށު ކައުންސިލްތަކުގެ އިތުރުން ސިޓީ ކައުންސިލްތަކުގެ ތެރެއިން މާލެ އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ މެންބަރުންގެ އަދަދަށް ވެސް މި އިސްލާހުގެ ދަށުން ބަދަލު އަންނާނެ އެވެ. މިހާރު 19 ކައުންސިލަރުން ތިބޭ މާލެ ސިޓީ ކައުންސިލްގައި ދެން ތިބޭނީ 16 މެންބަރުންނެވެ. ފުވައްމުލައް ސިޓީ ކައުންސިލްގައި މޭޔަރުގެ އިތުރުން 8 މެންބަރުން ތިބޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. މި އަދަދު ކަނޑައެޅުނީ ފުވައްމުލަކަކީ 8 އަވަށުގެ މައްޗަށް އެކުލެވޭ ސިޓީއެއް ކަމަށް ވާތީ އެވެ.

އައްޑޫ ސިޓީ، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކައުންސިލަރުންގެ އަދަދު ވަކިވަކިން ކަނޑައަޅާފައި ނެތް ނަމަވެސް، އާބާދީގެ ނިސްބަތުން ދެން އެކުލަވާ ސިޓީ ކައުންސިލްތަކުގައި މޭޔަރާ އެކު ޖުމްލަ ހަތް ކައުންސިލަރުން ތިބެން ޖެހޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. މި ބަދަލުތަކާ އެކު، އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވާ މެންބަރުންގެ ޖުމްލަ އަދަދު ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށް ލަފާކުރެވެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0